ހޮރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ 11،000 އަށްވުރެ ގިނަ ފަޅުވެރިންނާއި ބޯޓުފަހަރު ސަލާމަތްކުރުމަށް އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ފަށާފައިވާ ބޮޑު އޮޕަރޭޝަން ކުއްލި ގޮތަކަށް މެދުކަނޑާލައިފި އެވެ.
އީރާނާއި، އޮމާން އަދި އެމެރިކާ ހިމެނޭހެން ބައިނަލްއަގުވާމީ މެރިޓައިމް ސިނާއަތުގެ އެއްބާރުލުމާއެކު އަންގާރަ ދުވަހު އިއުލާނުކުރި މި އޮޕަރޭޝަން ކުއްލި ގޮތަކަށް ހުއްޓާލަން ޖެހުނީ، އޮމާންގެ ދާހިތު ބަނދަރުގެ އިރުދެކުނުން 7.5 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ސިންގަޕޫރުގެ "އެވާ ލަވްލީ" ބޯޓަށް ބުރާސްފަތި ދުވަހު ދިން ހަމަލާއަކާ ގުޅިގެންނެވެ.
އައިއެމްއޯގެ ވެރިޔާ އާސެނިއޯ ޑޮމިންގޭޒް ވިދާޅުވި ގޮތުގައި، ހަމަލާ އަމާޒުވި ބޯޓަކީ އދ. ގެ އިވެކުއޭޝަން ޕްލޭންގެ ދަށުން ދަތުރުކުރި ބޯޓެއް ނޫން ނަމަވެސް، ފަޅުވެރިންގެ ރައްކާތެރިކަމަށްޓަކައި މުޅި ޕްލޭން މިހާރު ވަނީ މަޑުޖައްސާލާފަ އެވެ. ޓައިވާނުގެ އެވާގްރީން ކުންފުނީގެ ދަށުން ހިންގާ އެ ބޯޓަށް އެރީ ކޮން އެއްޗެއްކަން ސާފުނުވި ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ނުވެ ބޯޓު ދަތުރު ކުރިއަށްގެންދިޔަ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ އޭޖެންސީ (ޔޫކޭއެމްޓީއޯ) އިން ބުނެ އެވެ.
އެމެރިކާގެ އޮފިޝަލުން މި ހަމަލާގެ ތުހުމަތު އީރާނަށް ކުރާއިރު، އީރާނުގެ ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީން ވަނީ ހުއްދަ ނެތް ރޫޓުތަކުން ދަތުރުކުރާ ބޯޓުތަކަށް ސަލާމަތީ ޔަގީންކަން ނޯންނާނެ ކަމަށް ބުނެ އިންޒާރުދީފަ އެވެ.
މި ހަމަލާއާއެކު ދުނިޔޭގެ ތެލުގެ ބާޒާރަށް އަނެއްކާވެސް ލޮޅުން އަރާފައިވާއިރު، ފެބްރުއަރީ މަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ބަންދުކޮށްފައި އޮތް ކަނޑުއޮޅި ހުޅުވުނީ މިދިޔަ ޖޫން 17 ގައި ދެގޮޗުން ސޮއިކުރި ފަހުމުނާމާއަކުންނެވެ. އެ އެއްބަސްވުމުގެ ދަށުން ތެލުގެ އަގު ފީފާއެއް 72.48 ޑޮލަރަށް ތިރިވި ނަމަވެސް، މި ހަމަލާއަށްފަހު އަގު ވަނީ 73.23 ޑޮލަރަށް މަތިވެފަ އެވެ. އަދި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމާއި ވިޔަފާރި ބޯޓުތަކަށް ހިލޭ ދަތުރުކުރެވޭނެ ގޮތް ހެދުމަށް އެއްބަސްވެފައި އޮތް ނަމަވެސް، އީރާނުން މެރިޓައިމް ސާވިސް ފީއެއް ނަގަން އުޅޭ މައްސަލައިގައި މަސްރަހު ވަނީ ގޯސްވެފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބަހްރެއިންގައި ހުންނަވައިގެން ސަރަހައްދުގެ ވެރިންނާއެކު މަޝްވަރާކުރައްވަމުން ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ސަރަހައްދަކަށްވުމުން އެއްވެސް ގައުމަކަށް އެތަނުން ފީއެއް ނުނެގޭނެ ކަމަށާއި، އެކަމަށް ފުރުސަތު ދީފިނަމަ ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ނިޒާމު މުޅިން ހަލާކުވެގެންދާނެ ކަމަށެވެ.
ކައިލީ ބަނޑު ބޮޑު ކަަމަށް ބުނާ އަޑުތަކުގެ ހަގީގަތް!
ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރަކަށް އީޒްއެޕް