ޕްރޮސެކިއުޓާ ޖެނެރަލްގެ އަމުރަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރާ މައްސަލަތަކަށް ހާއްސަ އިސްކަމެއްދީގެން އަވަހަށް ނިންމުމަށް ލާޒިމުކޮށް، އެ ކޮމިޝަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް މިއަދު އިސްލާހު ގެނެސްފި އެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ޖުމްލަ ނުވަ އިސްލާހެއް ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި ގަވާއިދުގެ ބައެއް މާއްދާތަކަށް އަކުރުތަކެއް އިތުރުކުރުމާއި، ކުދިކުދި ބަދަލުތައް ގެނައުމުގެ އިތުރުން މުހިންމު ބާބުތަކަށް ބަދަލުތަކެއް ގެނައުން ހިމެނެ އެވެ. މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ދެ މަސްދުވަސް ފަހުންނެވެ. އަދި މި އިސްލާހުތަކުގެ ދަށުން އެކުލަވާލަންޖެހޭ ތަހުގީގުކުރުމުގެ އާ އުސޫލުތައް، އިސްލާހުތަކަށް އަމަލުކުރަން ފަށާތާ އެއް މަސްދުވަހުގެ ތެރޭގައި ހަދައި ނިންމަންޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.
މި ފަހަރު ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ، ގަވާއިދުގެ 16 ވަނަ ބާބުގެ ތެރެއަށް ކޮމިޝަނުގެ މައްޗަށް އަންގާ އެންގުންތަކަށް އަމަލުކުރުން މި ނަމުގައި އާ ބާބެއް އިތުރުކުރުމެވެ. މި ބާބުގެ ދަށުން، ޕްރޮސެކިއުޓާ ޖެނެރަލް ވަކި މައްސަލައެއް ތަހުގީގުކުރުމަށް އޭސީސީއަށް އަންގައިފިނަމަ، އެ މައްސަލައަކަށް ހާއްސަ އިސްކަމެއް ދީގެން އަވަހަށް ނިންމުމަށް ވަނީ ލާޒިމުކޮށްފަ އެވެ. އޭސީސީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކުށެއް ތަހުގީގުކުރުމަށް ޕީޖީން އަންގާއިރު، އެ މައްސަލައަކީ ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިނުވާ މައްސަލައެއް ނަމަ، އެ މައްސަލައެއް ވަގުތުން ރަޖިސްޓަރީކުރަން ޖެހޭނެ އެވެ. މީގެ އިތުރުން، ޖިނާއީ ކުށެއްގެ ޝަކުވާއަކަށް ނުވަތަ ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމެއް ކަށަވަރުކުރުމަށް ޕީޖީން އަންގާ ހާލަތްތަކުގައި ވެސް އެ ކަމެއްގެ ތަހުގީގަށް އިސްކަންދީގެން އަވަހަށް ނިންމަންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ކޮމިޝަނަށް އަންގާ އެންގުމަކާ ގުޅިގެން އަމަލުކުރާނެ ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާނަމަ، އެ އެންގުމެއް އަންގާތާ ރަސްމީ މަސައްކަތު ހަތް ދުވަހުގެ ތެރޭގައި ޕީޖީއަށް ޖަވާބުދާރީވާން ޖެހޭނެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކޮމިޝަނަށް ޖަވާބުދާރީ ނުވެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ރަސްމީ މަސައްކަތުގެ އިތުރު ހަތް ދުވަސް ހޯދުމަށް ލިޔުމުން ޕީޖީ އޮފީހުގައި އެދެންވާނެ އެވެ.
މީގެ އިތުރުން، މައްސަލަ ހުށަހެޅޭނެ ފަރާތްތައް ބަޔާންކުރާ ގަވާއިދުގެ ފަސްވަނަ މާއްދާއަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން ތަހުގީގުކުރަން އަންގާ އެންގުމެއްގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް އޮތް އޮތުން ބަދަލުކޮށް، ދައުލަތުގެ އިދާރާތަކަށް ވެސް މައްސަލަ ހުށަހެޅޭނެ ކަމަށް މިހާރު ވަނީ ކަނޑައަޅާފަ އެވެ.
ޓީ-ޖެޓީ ކައިރިއަށް ދޯންޏެއް ފެތިއްޖެ
އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާތަކެއް ދީފި
