ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި ކަމަށް ސާބިތުވެފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމަށް, ހައިކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އަދުހަމްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅީ އޭނާގެ މައްޗަށް ކުށް ސާބިތުވުމުގެ އިތުރުން، ގާސިމްގެ ވާރިސުންގެ ގޮތުގައި ތިބި ފަސް ދަރިން ވެސް މަރަށް މަރު ހިފަން އެދިފައިވާތީ އެވެ. ދަށު ކޯޓުގެ މި ނިންމުން އިސްތިއުނާފު ކުރުމަށް އަދުހަމްގެ ފަރާތުން ހުށަނޭޅުމުން، އެ ހުކުމުގެ ސައްހަކަން ކަށަވަރުކޮށް އެއީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައެޅުމަށް މައްސަލަ ހައިކޯޓަށް ހުށަހެޅީ ދައުލަތުގެ ފަރާތުންނެވެ.
މި މައްސަލައަކީ ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން އުމުރުން 59 އަހަރުގެ ގާސިމަށް އަދުހަމް ވަޅިން ހަމަލާދިން މައްސަލައެކެވެ. އެއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ، ކާރުގެ ފަހަތު ސީޓުގައި އިނދެ އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ. ތަހުގީގުގައި އަދުހަމް އެކި ފަހަރު އެކި ގޮތަށް ވާހަކަދެއްކި ނަމަވެސް، ގާސިމްގެ ކަރަށް ވަޅި ހެރި ކަމަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ. އަދި ކުށް ކުރި ސަރަހައްދުން ފެނުނު ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައި ވާތީ، ހަމަލާދިންކަމާ މެދު ޝަރީއަތުން އެއްވެސް ޝައްކެއް ނެތް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ޝަރީއަތުގެ މަރުހަލާގައި އަދުހަމްގެ ފަރާތުން ބުނެފައި ވަނީ އޭނާ ހަމަލާދިނީ މަސްތުގެ ހާލަތުގައި ހުރެ، މަރާލުމުގެ ގަސްދެއް ނެތި އޮޅުމަކުން ކަމަށެވެ. ނަމަވެސް ދަށު ކޯޓުގެ ގާޒީ ހުކުމް އިއްވަވަމުން ވިދާޅުވީ، މީހަކު މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރަށާއި ހަމަލާ އަމާޒުކުރި ހަށިގަނޑުގެ ނާޒުކު ގުނަވަނަށް ބަލައިގެން ކަމަށެވެ.
މި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ކުރިއަށް ދިޔައިރު، ގާސިމްގެ އާއިލާއާ އެއްވެސް ގޮތަކަށް މުއާމަލާތް ނުކުރުމަށް ޝަރީއަތުން އަދުހަމަށް އަންގާފައިވެ އެވެ. އަދި ގާސިމްގެ އާއިލާއިން އަދުހަމާ ދައްކާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ބުނެފައިވާ ކަމަށް ދައުލަތުގެ ވަކީލުން ވަނީ ކޯޓުގައި ހާމަކުރައްވާފަ އެވެ.
ޒުވާން އުމުރުގައި އިސްތަށި ނުރަވެ ހަނދާން ބަލި ވަނީތަ؟
ނަފްސާނީ ސިއްހަތުގެ ސަބަބުން ދަރިމައިވުމަށް އަސަރު ކުރޭތަ؟
ހަށިގަނޑުން ދޭ މި އިންޒާރުތަކަށް ނަމަނަމަ ފަރުވާ ކުޑަ ނުކުރާތި!