ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މީހުންނަށް ދޫކޮށްފައިވާ ގޯތިތަކުގައި ވިޔަފާރިކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާން ޖެހޭނެ ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަކީ މިހާރު ހަމައެކަނި ދިރިއުޅުމުގެ ބޭނުމަށް ހާއްސަކޮށްފައިވާ ތަންތަން ކަމުގައި ވިޔަސް، އެ ސަރަހައްދުގައި އާންމު ހިދުމަތްތައް ގާއިމުކުރުމަށްޓަކައި އެ ބިންތަކުގެ ބޭނުން ހިފަން ޖެހޭކަން މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާ ޓަވަރުތަކަށް އިތުރުކުރި ލިފްޓްތަކުގެ މަސައްކަތް ނިމުން ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެ ސަރަހައްދުގައި މީހުން އާބާދުވާން ފެށިއިރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އަސާސީ ހިދުމަތްތައް ނެތުންކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ ހިދުމަތްތައް ގާއިމުކުރުމަށްޓަކައި އެކަށީގެންވާ ވަރަށް އެޗްޑީސީގެ އަތުގައި ބިން ނެތްކަން ވެސް ވަނީ ހާމަކުރައްވާފަ އެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ދެހާހަށްވުރެ ގިނަ ގޯތީގެ ތެރެއިން ބައެއް ތަންތަން ވިޔަފާރީގެ އުސޫލުން ތަރައްގީކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަމިއްލަ ފަރާތްތަކުގެ ބިންތަކުގައި ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ޕްރީސްކޫލްތަކުގެ އިތުރުން ޝޮޕިން ކޮމްޕްލެކްސް ފަދަ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ. މީގެ ސަބަބުން ގޯތި ލިބިފައިވާ ފަރާތްތަކަށް މާލީ މަންފާ ލިބުމުގެ އިތުރުން، އާ ވަޒީފާތައް އުފެދި، މުޅި ސަރަހައްދުގެ އިގުތިސާދު ފުޅާވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޕްރާންސްއަށް އުނދަގޫ މޮޅެއް
އޮފީސް ވަޒީފާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވާކަން އެނގޭތަ؟
