އޮޑިޓާ ޖެނެެރަލް ކަމުގެ މަގާމުން ހަސަން ޒިޔަތު އިސްތިއުފާ ދެއްވައިފި އެވެ.

ޒިޔަތު މިރޭ އިސްތިއުފާ ދެއްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ހިމެނިފައިވާ ދަނޑިވަޅެއްގަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ އެ ލިސްޓުގައި މާލީ ކަންކަން އޮޑިޓްކުރައްވާ ޒިޔަތުގެ ނަން ހިމެނިފައިވާ އިރު، އޭނާ މަގަމާ ހަވާލުވެވަޑައިގަތީ 2014 ގަ އެވެ.އެމްއެމްޕީއާރްސީ ހިޔާނާތާ ޒިޔަތުގެ ކޮއްކޮ، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ހުކުމް އިއްވި އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު ޒިޔަތުގެ ތަހުގީގު އަދިވެސް ކުރިއަށް އެބަދެ އެވެ.

ތަހުގީގީ އިދާރާތަކުން ކުރިން އެކުލަވާލި ލިސްޓުގައި ހިމެނުނީ 267 ނަމެކެވެ. ނަމަވެސް ފަހުން ފޮނުވި ލިސްޓުގައި 281 މީހުން ހިމެނެ އެވެ. މަޖިލީހުން އާއްމުކުރަން ނިންމީ ދެ ލިސްޓެއް ވަކިންނެވެ. އެއީ މުޅި ލިސްޓާއި ދައުލަތުގެ އިސް މަގާމްތަކުގައި ތިބި 119 މީހުންގެ ލިސްޓެވެ.

މަޖިލީހުން އާއްމުކުރަން ނިންމާފައިވާ 281 މީހުންގެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ މިހާރާއި އޭރުގެ މެމްބަރުންނާއި ދައުލަތުގެ އިސް މަގާމްތަކުގައި މިހާރު ތިއްބެވި މެމްބަރުންނާއި ކުރީގެ މެމްބަރުން ވެސް ހިމެނެ އެވެ. މިނިވަން މުއައްސަސާތަކާއި ކުންފުނިތަކާއި ޖުޑިޝަރީގެ އެކި މަގާމްތަކުގައި ކުރިން އުޅުއްވި ބޭފުޅުންގެ ނަންތައް ވެސް ހިމެނެ އެވެ.

ލިސްޓުގައި ނަން އޮތުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވާ ޒިޔަތު ވިދާޅުވީ، ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ވާދަކުރެއްވިއިރު ކެމްޕޭނަށް އެ ޕާޓީން ހޭދަކުރި ފައިސާއަކީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ފައިސާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޒިޔަތު ވާދަކުރެއްވީ ހުޅުހެންވޭރު ދާއިރާގެ މެމްބަރަށް ވުމަށެވެ. އޭރު ދެ ފަހަރެއްގެ މަތިން ޕީޕީއެމުން ވަނީ އޭނާއަށް ފައިސާ ފޯރުކޮށްދީފަ އެވެ. އިތުރަށް އޭނާ ވިދާޅުވީ ލިސްޓުގައި ނަން އޮތްކަން ވެސް އެނގިވަޑައިގަތީ، ލިސްޓު މިއަދު އާއްމުކުރުމުންނެވެ. އޭނާގެ ނަން ލިސްޓުގައި އޮތަސް މިހާތަނަށް ސުވާލެއްކޮށްފައި ނުވެ އެވެ.