ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ ބައެއް ގެތަކަށް ފެންވަދެ ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި ފޭދޫގެ ބައެއް ގެތަކަށް ފެންވަދެ އެ ރަށްތަކުގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ފުވައްމުލައް ސިޓީގެ 120 ގެއަކަށް ފެންވަނުމާ ގުޅިގެން އެމްއެންޑީއެފްގެ ނޮދަން އޭރިއާ ފުވައްމުލަކު ޕޯސްޓްގެ ސިފައިން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ރަށްތަކުގެ ގެތަކަށް ފެން ވަދެފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 16:30 ގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މީގެއިތުރުން ޅ. ނައިފަރުގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާތީ އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިން މިރޭ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ހއ. އިން ތ. އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފަ އެވެ.

އެ ސަރަހައްދުގެ ރަށްތަކަށް ގަޑިއަކު 25 މޭލާ 30 މޭލު ބާރުމިނުގައި އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ގަދަ ވަޔާއެކު ވިއްސާރަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މިހާރު ރާއްޖެ އަށް ކުރަނީ ހުޅަނގުމޫސުން ފެށެން އުޅޭތީ ކުރާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.

މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.