ކޮވިޑާއި ގުޅިގެން އެންމެ ގިނަ ހަރަދެއް ކުރި ގައުމަކީ ރާއްޖެއަށް ވާއިރު ވެސް އެކަމުން ނަތީޖާއެއް ނެރެވިފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އިނޮމިކް މިނިސްޓަރު ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އާބާދީގެ ނިސްބަތުން އެންމެ ބޮޑު ހަރަދެއް ކުރި ގައުމަކަށް ރާއްޖެ ވާއިރު ވެސް އެކަމުން ނެރެވުނު ނަތީޖާއެއް ފެންނަށް ނެތް ކަމަށެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާއިރު ވެރިން ތިބީ ގޭތެރޭގައި ކަމަށާއި ފައިސާ ޗާޕުކޮށް އެތައް ބިލިއަންއެއް ހަރަދުކުރިއިރު އިތުރުވީ ހޮސްޕިޓަލް އެނދެއް ރައްޔިތުންނަށް ލިބުނު ލުޔެއް ވެސް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒް ކުރުމަށް ސިފައިން ނެރެފައި ވާތީ އެކަމަށް ވަނީ ފާޑުކިޔާފަ އެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު އިތުރަށް ގޯސްވެފައިވާއިރު މިހާރު ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 41,308 އަށް އަރައިފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 27,428 އަށް އަރަ އެވެ. އެކްޓިވް ކޭސްތައް 13،000 އިން މައްޗަށް ވަނީ ގޮސްފަ އެވެ.

މިއީ ރާއްޖޭން ކޮވިޑް ފެނުނު ފަހުން އެންމެ ގިނަ މީހުންނަށް ބަލި ޖެހެމުން އަންނަ ދުވަސްވަރު ކަމަށް ވުމުން ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދު ވެސް އިތުރުވެ ހޮސްޕިޓަލްތަަކަށް ވަނީ ބާރު ބޮޑުވެފަ އެވެ. މިހާރު ވެސް 250 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.