ތިޔައީ މަންމަގެ ދެލޮލުގެ ނޫރެވެ. މި އަނދިރި ޙަޔާތަށް އުޖާލާކަން ގެނެސްދިން އަލިވޮށެވެ. ކަޅު ވިލާތަކުން ދިރިއުޅުން ބަނަވެފައި ވަނިކޮށް ލިބުނު އުއްމީދުގެ ހުޅުކޮޅެވެ. ދަރިފުޅާ އެވެ! ތިޔަ މައުސޫމް ފުރާނައަށް މަންމަގެ ބަނަ ޙަޔާތުގެ ހިޔަނި އެޅިދާނެތީ ބިރު ހީވެ އެވެ. މަންމަގެ ދިރިއުޅުމަށް ކުރިމަތިވި ތޫފާނުގެ އަސަރު ތުއްތު ތިޔަ ދަރިފުޅުގެ ހަޔާތަށް ކުރާނެތީ ހިތާހިތުން ޝަކުވާ ކުރެވެ އެވެ.

މަންމަގެ ދެލޮލުގެ ކޮއި ފަދައިން ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވެ އެވެ. އެހެނަސް ތަގުދީރުގައި މަންމައަށް އޮތީ އުނދަގޫ އިމްތިހާނެކެވެ. ދަރިފުޅަށް ހައްގުވާ ދިރިއުޅުން ހޯދެއިދެވޭނެތޯ އަބަދާއި އަބަދު އަމިއްލަ ނަފްސާއި ސުވާލު ކުރެވެ އެވެ. ދަރިފުޅަށް ބޭނުންވާ އާއިލީ ލޯތްބާއި ކުލުނު ނުދެވޭނެތީ ހިތާމަ ކުރަމެވެ.

އާއެކެވެ. މަންމައަކީ އެކަނިވެރި މަޔަކީމެވެ. ދަރިފުޅު މި ދުނިޔެއަށް ގެނައުމަށްޓަކައި މަންމަ ކުރީ ޖިހާދެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އަޅާ ވޭނުން ކެތްނުވިޔަސް ދަރިފުޅުގެ ހައްގުގައި މަންމަ ހިތްވަރު ކުރީމެވެ. ކައިރީގައި ތަސައްލީ ދޭނެ ފުރާނައެއް ނެތި އެ ދުވަސްތައް މަންމަ ހޭދަކުރީ އެކަނިވެރިކަމުގަ އެވެ.

ދަރިފުޅުގެ ބައްޕައާ މެދު ބަދު ބަހެއް ބުނާކަށް ނެތީމެވެ. އެއްއިރެއްގައި އެއީ މަންމަ ދެކެ އިންތިހާއަށް ލޯބިވި އެހާމެ އޯގާތެރިވި މީހެކެވެ. މިއަދު އަހަރުމެން ދެމައިންނާއި ދަރިފުޅުގެ ބައްޕަގެ ރާސްތާ ބަދަލުވެފައި ވީނަމަވެސް މަންމަގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އެހެނީ ތިޔަ ލޮބުވެތި ހަދިޔާ މަންމައަށް ލިބުނީ އެ ބައްޕަގެ ފަރާތުންނެވެ. އެއީ ދުވަހަކު ވެސް ޝުކުރު އަދާނުކުރެވޭނެ ހަދިޔާއެއް ކަމުގައި މަންމަ ދެކެމެވެ.

ދަރިފުޅާ އެވެ! ދުނިޔެއަކީ އިހާނެތި ތަނެކެވެ. ކަށި ކުނބުރު ބިޔަ ޖަންގައްޔެކެވެ. ދިރިއުޅުމުގެ އެކި ހިސާބުތަކުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވާނެ އެވެ. ހިތްތިރިކަމާއެކު އެ ގޮންޖެހުންތަކުން އަރައިގަންނަން ވާނެ އެވެ. މަންމަގެ މި ހަޔާތުން އިބުރަތް ހާސިލް ކުރާށެވެ. އެއްވެސް މީހަކާމެދު ހިތުގައި ހިތްބަރުކަމެއް ނުބާއްވާށެވެ. އެހެނީ ނަފްރަތަކީ ނަފްސުގެ ހަލާކެވެ.

މަންމައަށް ކުރިމަތިވީ މަންމައަށްޓަކައި ﷲ ތައާލާގެ ތަދުބީރުފުޅުގައި އޮތް އިމްތިހާނެވެ. އެ އިމްތިހާނުން ރަނގަޅު ނަތީޖާއެއް ލިބޭތޯ މަންމަ މިދަނީ ގަދައަޅާ މަސައްކަތް ކުރަމުންނެވެ. އިރާދަކުރެއްވިއްޔާ ތިޔަ މައުސޫމު ދަރިފުޅަށް އުފާވެރި ހަޔާތެއް ހޯދައިދޭނަމެވެ. މިއީ ދަރިފުޅަށްޓަކައި މި މަންމަ ވާ ވައުދެކެވެ.