ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ޙަމަލާއެއް ދިންތާ 8 ދުވަސްފަހުން އިންޓެލް އޮޑިޓް އުފައްދައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން ރާއްޖޭގެ އިންޓެލިޖެންސް މެކޭނިޒަމާއި ގުޅޭ އޮޑިޓެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮމިޓީއެއް އެއްކުލަވާލާފައިވާ ކަމަށެވެ. ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްގެ އޮޑިޓް ހަދަން އެކުލަވާލާފައިވާ މި ކޮމިޓީއަކީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ ޓީމެއް ހިމެނޭ ކޮމިޓީއެކެވެ.

މަބްރޫކް ވިދާޅުވީ މި ކޮމިޓީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ކޮމިޓީން މަޢުލޫމާތު ހިއްސާ ކުރާނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމުގައެވެ.

އިންޓެލް އޮޑިޓް ކޮމިޓީއެއް އުފައްދަވާ، ތަހުގީގު ފަށާފައިވާއިރު ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިންޓެލިޖެންސް މައުލޫމާތު ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ ރައީސް ނަޝީދަށް އިތުރު ނުރައްކާ ކުރިމަތިވާކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް އެރޭ ބޮމެއް ގޮއްވާލާނެ ކަމުގެ މަޢުލޫމާތު ލިބިފައި ނުވާ ކަމަށް ބުންޏެވެ.

މިޙާދިސާއާއި ގުޅިގެން ގިނަބަޔަކު ދަނީ ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީއާއި މުއައްސަސާތަކުގެ އިސްވެރިން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ގޮވަމުންނެވެ. އަދި އެފަރާތްތަކުން މަޤާމުގައި ދެމި ތިބެ، އިންސާފުވެރި މިނިވަން އޮޑިޓެއް ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ބުނަމުންނެވެ.

ރައީސް ނަޝީދުގެ ޢާއިލާއިންވަނީ މިއަދު އެމަނިކުފާނުގެ ހަށިކޮޅަށް ލިބިފައިވާ ގެއްލުން ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ޢާއްމުކޮށްފައެވެ. ހަމަ އެ ފޮޓޯތައް މަޖިލީހުގެ އިދާރާއިން ވެސް ވަނީ އާއްމުކޮށްފައެވެ .އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވި ގޮތުގައި ސީރިއަސް ސާޖަރީތަކުން އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރެވުނީ ހަމަ ކިރިޔާ އެވެ.