މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަބްދުﷲ ފާއިޒު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗެއާޕާސަންގެ މަގާމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަންކޮށްފި އެވެ.

ޕީސީބީ އިން ވަނީ މިފްކޯގެ ޗެއާޕާސަންގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ފާއިޒު އައްޔަންކުރެއްވިކަން އިއުލާންކޮށްފަ އެވެ. ފާއިޒު އެމްޓީޑީސީގެ ޗެއާމަންގެ މަގާމުން ވަކިކުރީ އެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

އެމްޓީޑީސީގެ ޗެއާމަންގެ މަގާމުގެ މުއްދަތު ހަމަވެފައިވާތީ، އެ މަގާމުން ފާއިޒު ވަކިކުރުމުގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ޕީސީބީ އިން އެމްޓީޑީސީއަށް އެންގީ މިދިޔަ ހަފުތާގަ އެވެ. ފާއިޒު އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރީ 13 ފެބްރުއަރީ 2019 ގަ އެވެ.

މިފްކޯގެ މެނޭޖްމެންޓަށް މި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މިހާރު ވަނީ މުހައްމަދު އަނަސް އައްޔަންކޮށްފަ އެވެ.