މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ސަބްސިޑީއަށް އެދުމާއި ދޫކުރުމުގެ އެންމެހާ ކަންކަން "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ނިންމައިފި އެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ދެން މަސްވެރިންނަށް ތެލުގެ ސަބްސިޑީ ލިބޭނީ މި ޕޯޓަލްގައި ރަޖިސްޓްރީވެގެންނެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ހަމަނުޖެހުންތަކާ ހުރެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިޔަ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތަށް ލޮޅުން ނާންނާނެހެން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެހެންކަމުން ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީވެފައި ނުވާ އުޅަނދުތައް ސެޕްޓެމްބަރު 15 ގެ ނިޔަލަށް ޕޯޓަލްގައި ރަޖިސްޓްރީވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ސަބްސިޑީގެ ދަށުން ހެޔޮ އަގުގައި ތެޔޮ ދޫކުރާނެ މިންވަރު:

  • 85 ފޫޓުން މަތީގެ އުޅަނދު: 5,000 ލީޓަރު
  • 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދު: 3,000 ލީޓަރު
  • 50 ފޫޓުން ދަށުގެ އުޅަނދު: 1,500 ލީޓަރު

މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބޭއިރު، ކުރިން 4 ސަރަހައްދަކުން ދެމުންއައި މި ހިދުމަތް މިހާރު ވަނީ އިތުރު 11 ސަރަހައްދަކަށް ފުޅާކޮށްފަ އެވެ.

މީގެއިތުރުން، މަސްވެރިންގެ އެދުމުގެ މަތިން މިފްކޯއާއި އެފްއެސްއެމް ގުޅިގެން ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ. މި ނިޒާމުގެ ދަށުން ތެލުގެ ބިލަށް ފައިސާ ކަނޑާނީ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން 48 ގަޑިއިރު ތެރޭގައި ދޫކުރާ ޕޭމަންޓުންނެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ، މަސްވެރިކަމުގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު މަސްވެރިކަމަށް ހާއްސަ ބަނދަރުތައް ތަރައްގީކުރުމާއި، ދާއިރާ ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޖޫރިމަނާތަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.