މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 197،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.1 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ. ޓޫރިޒަމުން އެންމެ އެންމެ ފަހުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހު އެކަނި ވެސް ރާއްޖެއަށް 197,640 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 193,529 ޓޫރިސްޓުންނާ އަޅާބަލާއިރު 2.1 ޕަސެންޓް އިތުރު އަދަދެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައީ، ޗުއްޓީ ހޭދަ ކުރުމަށެވެ. އެއީ، 195,390 ޓޫރިސްޓުންނެވެ. އަދި މިދިޔަ މަހު ރާއްޖެއަށް ވިޔަފާރީގެ އެކި ބޭނުންތަކަށް 2,244 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް، މުޅި އަހަރުގެ ނިސްބަތަށް ބަލާއިރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު އަދިވެސް އުޅެނީ ދަށްކޮށެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,456,930 ޓޫރިސްޓުން އައިއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.7 ޕަސެންޓްގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައި ވަނީ 1,513,066 ޓޫރިސްޓުންނެވެ.

އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި 5 ޤައުމު

  • ޗައިނާ: 267,386 ޓޫރިސްޓުން
  • ރަޝިއާ: 209,179 ޓޫރިސްޓުން
  • އިނގިރޭސިވިލާތް: 110,561 ޓޫރިސްޓުން
  • އިޓަލީ: 93,089 ޓޫރިސްޓުން
  • ޖަރުމަން: 88,400 ޓޫރިސްޓުން

އެންމެ ގިނައިން ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގަ އެވެ. އެއީ، 1,049,380 ޓޫރިސްޓުންނެވެ. އަދި ގެސްޓު ހައުސްތަކުގައި 316,267 ޓޫރިސްޓުން ޗުއްޓީ ހޭދަ ކޮށްފައިވެ އެވެ. މީގެ އިތުރުން ހޮޓެލްތަކުގައި 33,417 ޓޫރިސްޓުން އަދި ސަފާރީތަކުގައި 26,490 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލަކު 5,971 ޓޫރިސްޓުން އާދެ އެވެ.