މާލީ ގާބިލުކަން ކަށަވަރުކޮށް، މާލީ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި ޕޭމަންޓް ސާވިސް ޕްރޮވައިޑަރު (ޕީއެސްޕީ) ތަކުން ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދު އިތުރުކޮށްފި އެވެ.

މި ބަދަލު ގެނެސްފައިވަނީ ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުންނެވެ. މި އިސްލާހު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.

މި އިސްލާހާއެކު، ޕޭމަންޓް ހިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް ހުރިހާ ވަގުތެއްގައި ރައުސްމާލުގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

އެގޮތުން، އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތާއި، ޕޭމަންޓް މުއާމަލާތްތައް އެކުއަޔާކުރުމުގެ ހިދުމަތް އަދި ރެމިޓެންސްގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއާޑް ކެޕިޓަލްގެ އަދަދު ވަނީ 2،000،000 (ދެ މިލިއަން) ރުފިޔާ އަށް އިތުރުކޮށްފަ އެވެ.

މީގެ އިތުރުން، ޕޭމަންޓް އިނީޝިއޭޝަން ހިދުމަތް އަދި އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއާޑް ކެޕިޓަލްގެ އަދަދު ވަނީ 1،000،000 (އެއް މިލިއަން) ރުފިޔާ އަށް ބޮޑުކޮށްފަ އެވެ.

ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދުތަކަށް އައި ބަދަލުތައް:

  • އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް: 500،000 ރުފިޔާއިން 2،000،000 ރުފިޔާއަށް
  • ޕޭމަންޓް ޓްރާންސެކްޝަން އެކުއަޔާކުރުމުގެ ހިދުމަތް: 200،000 ރުފިޔާއިން 2،000،000 ރުފިޔާއަށް
  • ރެމިޓެންސްގެ ހިދުމަތް: 200،000 ރުފިޔާއިން 2،000،000 ރުފިޔާއަށް
  • ޕޭމަންޓް އިނީޝިއޭޝަން ހިދުމަތް: 100،000 ރުފިޔާއިން 1،000،000 ރުފިޔާއަށް
  • އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ހިދުމަތް: 100،000 ރުފިޔާއިން 1،000،000 ރުފިޔާއަށް

މި ގަވާއިދަށް ގެނައި އިސްލާހުގެ މައިގަނޑު މަގުސަދަކީ، ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ އެ ތަންތަނަށް ލިބޭ ގެއްލުންތަކުން އަރައިގަނެވި، ރައްކާތެރިކަމާއެކު ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ފަދަ މާލީ ގާބިލުކަން ހުރި ތަންތަންކަން ކަށަވަރުކުރުމެވެ. އަދި މާލީ ދާއިރާގައި ހަރަކާތްތެރިވަނީ މާލީގޮތުން ދުޅަހެޔޮ، ޒިންމާދާރު މުއައްސަސާތަކެއްކަން ކަށަވަރުކޮށް، މުޅި މާލީ ނިޒާމަށް އޮންނަ އާންމުންގެ އިތުބާރު ދެމެހެއްޓުމެވެ.