މިހާރުގެ ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށްގެން އިންތިހާއަށް ދަތިކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެމަނިކުފާނުގެ ވެރިކަމެއްގައި އެފަދަ ހުރިހާ ނިންމުންތަކެއް ބާތިލުކޮށް އުވާލައްވާނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި ބިން ތަނަވަސްކޮށްދިނީ ޒުވާނުންގެ މުސްތަގުބަލަށްޓަކައި ކަމަށެވެ. އަދި "ޒުވާނުންގެ ސަހަރު" ގެ ނަމުގައި އެ ބިން ތަރައްގީ ކުރަން ފެށީ ޒުވާނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދީ، އެމީހުންގެ ހިތްތަކުގައި އާ އުއްމީދެއް އާލާކުރުމުގެ މަގުސަދުގައި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މާލެއާއި ހުޅުމާލެ ގުޅުވައިދިން ސިނަމާލެ ބުރިޖާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެ ބުރިޖަށް އެމަނިކުފާނު އެންމެ ފުރަތަމަ ދެއްވަން ބޭނުންފުޅުވި ނަމަކީ "ބުރިޖު އޮފް ހޯޕް" ނުވަތަ އުއްމީދުގެ ބުރިޖު ކަމަށެވެ. އެހެންނަމަވެސް، އެ މަޝްރޫއަކީ ޗައިނާ ސަރުކާރުގެ ވަރަށް ބޮޑު ހިލޭ އެހީއަކާއި އެއްބާރުލުމަކާއެކު ކުރިއަށްގެންދިޔަ މަޝްރޫއަކަށް ވާތީ، އެ ގައުމުގެ އެދުމުގެ މަތިން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި "ސިނަމާލެ ބުރިޖު" ގެ ނަން ދިނީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތުތަކުގައި އަބަދުވެސް އެންމެ އިސްކަމެއް ދެއްވާނީ ޒުވާނުންނަށް ކަމަށާއި، ސަބަބަކީ ގައުމުގެ ހަގީގީ މުސްތަގުބަލަކީ ޒުވާނުން ކަމުގައި ވާތީ ކަމަށެވެ. ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުން ފެންނަމުންދަނީ ޒުވާނުންނަށް ދަތިކޮށް، އެކި ގޮތްގޮތުން ޖެއްސުންކޮށް އަނިޔާވެރިވަމުންދާ މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިފަދަ އަމަލުތަކުން ދޭހަވަނީ ރައީސް މުއިއްޒަކީ ޒުވާނުންގެ ތާއީދާއި ވޯޓަށް އެއްވެސް ބޭނުމެއް ނެތް ވެރިއެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ، ލޯތްބާއި އިހުތިރާމަކީ އަނެކާއަށް އެކަން ދީގެން ނޫނީ ހޯދޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން ޒުވާނުންގެ ކުރިއެރުމަށް ހުރަސްއެޅޭ ގޮތަށް ނިންމާފައިވާ ހުރިހާ ދަތި އުނދަގޫ ނިންމުންތަކާއި ސިޔާސަތުތައް، ކުރިއަށް އޮތް ތަނުގައި އުފެދޭ އެމަނިކުފާނުގެ ވެރިކަމެއްގައި އެއްކޮށް އުވާލައްވާނެ ކަމުގެ ޔަގީންކަން ޒުވާނުންނަށް ދެއްވި އެވެ.
އީރާން އެކަހެރިކުރުމަށް ޗައިނާއިން އެހީތެރިވާނެ: ވެންސް
ކެންސަރު ރަނގަޅު ވުމަށްފަހު ވެސް ނުރައްކާ މުޅިން ނުފިލާ ސަބަބު!