މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި 2،500 އަށް ވުރެ ގިނަ ކުދިން އުފަންވެ، 800 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ހެލްތު މިނިސްޓްރީއާ ގުޅިގެން އެމްބީއެސް އިން އާންމުކޮށްފައި ވާ "މޯލްޑިވްސް ވައިޓަލް ސްޓެޓިސްޓިކްސް ކުއާޓަލީ ބުލެޓިން" ގައި ބަޔާންކޮށްފައި ވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތެރޭގައި ޖުމްލަ 2،538 ކުދިން ވަނީ އުފަންވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ފުރަތަމަ ކުއާޓަރުގައި އުފަންވި 1،225 ކުދިންނާއި، ދެވަނަ ކުއާޓަރުގައި އުފަންވި 1،313 ކުދިންނެވެ. ވިހެއި ކުދިންގެ ތެރެއިން ގިނައީ ފިރިހެން ކުދިންނެވެ. އެއީ 1،309 ފިރިހެން ކުދިންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މި މުއްދަތުގައި ރާއްޖެއިން 813 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 722 ދިވެހިންނާއި 89 ބިދޭސީންނެވެ. މަރުވި މީހުންގެ ތެރޭގައި ވެސް ގިނައީ ފިރިހެނުންނެވެ. އެއީ 490 ފިރިހެނުންނެވެ.
މަރުވި މީހުންގެ އުމުރުފުރާތަކަށް ބަލާއިރު، އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އުމުރުން ދުވަސްވީ މީހުންނެވެ. އެގޮތުން:
- އުމުރުން 65 އަހަރުން މަތީގެ 488 މީހުން
- އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ 263 މީހުން
- އުމުރުން 0 އަހަރާއި 4 އަހަރާ ދެމެދުގެ ތުއްތު 30 ކުދިން
- އުމުރުން 5 އަހަރާއި 17 އަހަރާ ދެމެދުގެ 10 ކުދިން
ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ މާލެ ސަރަހައްދުގަ އެވެ. އެގޮތުން މާލެ ސަރަހައްދުން 450 މީހުން މަރުވެފައި ވާއިރު، އަތޮޅުތަކުން މަރުވެފައި ވަނީ 343 މީހުންނެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް މާލެއިން ރިކޯޑުކުރެވިފައި ވާއިރު، އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ މަރު ރިކޯޑުކުރެވިފައި ވަނީ ހދ. އަތޮޅުންނާއި އައްޑޫ ސިޓީންނެވެ.
ނިދީގައި ވާހަކަ ދެއްކުން: އެހީ ހޯދަންވީ ކިހާ ހިސާބަކުން؟
ކެންސަރު ރަނގަޅު ވުމަށްފަހު ވެސް ނުރައްކާ މުޅިން ނުފިލާ ސަބަބު!