އަމިއްލަ ނަފްސަށް ކުރާ އިހްތިރާމާއި ގަދަރެއް ނެތް އަދި އަނެކާގެ ފަރާތުން އެކަށީގެންވާ އިހުތިރާމާއި ގަދަރު ނުލިބޭ ގުޅުމެއްގައި ދެމިހުރުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އިންސާނާ ބަލިކޮށްލާ ކަމެކެވެ.

ލޯތްބަކީ ބިނާކުރަނިވި، ހިތްހަމަޖެހުން ގެނެސްދޭ އަދި ދެ ބައިވެރިންގެ މެދުގައި ހަމަހަމަކަމާއި އިހްތިރާމް އޮންނަންޖެހޭ އެއްޗެކެވެ.

ނަމަވެސް ގުޅުމެއްގެ ތެރޭގައި އިހުތިރާމާއި ގަދަރު ގެއްލި، އަނެކާގެ ބުރަދަނެއް ނެތްކަމަށް ދެކެން ފަށައިފިނަމަ، އެފަދަ ތަނަކުން ދުރަށް ދިއުމަކީ އަމިއްލަ ނަފްސަށްޓަކައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

އެފަދަ ވިހަ ގުޅުމަކުން (ޓޮކްސިކް ރިލޭޝަންޝިޕް) ސަލާމަތްވެ، އާ ހަޔާތެއް ފެށުމަށް އެހީވެދޭނެ މުހިންމު ފިޔަވަޅު ތަކެއްވެ އެވެ.

އެންމެ ފުރަތަމަ ކަމަކަށް އަމިއްލަ ހާލަތު ބަލައިގަނެ، މި ގުޅުމުގެ ސަބަބުން ލިބެމުންދާ ނަފްސާނީ ވޭނާއި އަނިޔާ ދެނެގަންނަން ޖެހެ އެވެ. ލޯތްބަކީ ކެތްކުރަންޖެހޭ ކަމެއް ކަމަށް ދެކި، އަމިއްލަ ޝުއޫރުތަކާއި ހައްގުތައް ދޫކޮށްލައިގެން ތިބުމަކީ ކުށް ހީއެކެވެ. ގުޅުމެއްގައި އިހްތިރާމް ގެއްލިއްޖެނަމަ އެއީ ދެން ކުރިއަށް ގެންދެވޭނެ ގުޅުމެއް ނޫންކަން ގަބޫލު ކުރަން ޖެހެ އެވެ.

ދެވަނަ ކަމަކަށް، މިފަދަ ނިންމުމެއް ނިންމުމުގައި އާއިލާއާއި ގާތް ރަޙްމަތްތެރިންގެ އެހީތެރިކަން ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އެކަނި މިކަމާ ކުރިމަތިލުމުގެ ބަދަލުގައި، އިތުބާރު ކުރެވޭ މީހަކާ ހިއްސާ ކުރުމުން ހިތްވަރު ލިބި، ކުރިއަށް ދާނެ މަގު ފަސޭހަވެގެންދެ އެވެ. މީގެއިތުރުން، އަމިއްލަ ނަފްސުގެ އަގު ވަޒަން ކުރަން ދަސްކުރުމާއި، އެހެން މީހުންގެ ބަސްތަކުން އަމިއްލަ ނަފްސު މިން ކުރަން އަޒުމް ކަނޑައަޅަންޖެހެ އެވެ.

ގުޅުމަކުން ދުރަށް ދިއުމަށް ފަހު އަމިއްލަ ނަފްސަށް ވަގުތު ދިނުމާއި، އާ އުއްމީދުތަކާއެކު ދިރިއުޅުން އާރާސްތުކުރުމަށް މަސައްކަތް ކުރުމަކީ މުސްތަގްބަލް އުޖާލާ ކޮށްދޭނެ ކަމެކެވެ.

އިހްތިރާމް ނުލިބޭ ތަނެއްގައި ތިމާގެ އަގު ވެއްޓެން ފުރުސަތު ދިނުމުގެ ބަދަލުގައި، އަމިއްލަ ގަދަރު ހިފަހައްޓައިގެން ކުރިއަށް ދިއުމަކީ ކޮންމެ މީހަކުވެސް އިސް ކުރަންޖެހޭ ކަމެކެވެ.