އިންޑޮނޭޝިޔާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން މުޅި ސަރަހއްދަށް ބޯ ދުން ފެތުރި، މެލޭޝިޔާގެ ސަރަވަކް ސްޓޭޓްގައި ހިމެނޭ ސެރިއަން އަވަށުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި އެވެ.

މި ހާދިސާއާ ގުޅިގެން ބޯނިއޯ ޖަޒީރާގައި އޮންނަ ސަރަވަކްގެ ވައިގެ ސާފުމިންވަރު އިންތިހާއަށް ދަށަށްގޮސް، އާންމުންގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ވަނީ ކުރިމަތިވެފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ ގިނަ ސްކޫލްތަކެއްގެ ކިޔެވުން ވެސް މިހާރު ވަނީ މެދުކަނޑާލައި ބަންދުކޮށްފަ އެވެ.

މެލޭޝިޔާގެ ވައިގެ ސާފުމިންވަރު ބަލާ މިންގަނޑު (އޭޕީއައި) އިން 300 އަށްވުރެ މައްޗަށް ދިޔުމަކީ ނުރައްކާތެރި ހާލަތެއް ކަމަށް ބެލެވޭއިރު، ކުއްލި ނުރައްކަލުގެ ހާލަތު އާންމުކޮށް އިއުލާނު ކުރަނީ މި މިންވަރު 500 އަށް އެރުމުންނެވެ. ނަމަވެސް ހުކުރު ދުވަހު ނެގި ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ސެރިއަންގެ ވައިގެ ނުސާފުމިން ވަނީ 519 އަށް އުފުލިފަ އެވެ. މިއީ އިންސާނުންގެ ދިރިއުޅުމަށާއި ސިއްހަތަށް ނުހަނު ގެއްލުން ބޮޑު މިންވަރެކެވެ.

ސަރަވަކްގެ ޑިޒާސްޓާ މެނޭޖްމަންޓް ކޮމިޓީގެ އިސްވެރިޔާ ޑަގްލަސް އުގާ އެމްބާސް ހާމަކުރެއްވި ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން އެދުނީ ވައިގެ ތަޣައްޔަރުކަން ނުރައްކާތެރި މިންވަރަކަށް އިތުރުވުމާ ގުޅިގެންނެވެ. މި ފިޔަވަޅު މިވަގުތު އަޅާފައިވަނީ ސެރިއަންގެ ވަށައިގެންވާ 20 ކިލޯމީޓަރުގެ ސަރަހައްދަކަށެވެ. އެހެންނަމަވެސް، އާންމު ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ބުރޫނާރާނޭހެން ސުޕަމާކެޓްތަކާއި، ތެޔޮ އަޅާ ތަންތަން އަދި ބޭންކުތައް ފަދަ މުހިންމު ހިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ވައިގެ ނުސާފުކަން ފިލުވައިލުމަށްޓަކައި ވިލާތަކަށް ކެމިކަލް އަޅައިގެން ވާރޭ ވެއްސުމުގެ ހާއްސ މަސައްކަތްތަކެއް ވެސް ދަނީ ކުރަމުންނެވެ.

މި ކުއްލި ހާލަތު ރަސްމީކޮށް އިއުލާނު ކުރެއްވީ މެލޭޝިޔާގެ ރަސްގެފާނު ސުލްތާން އިބްރާހީމެވެ. ބޮޑުވަޒީރުގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި، ރަސްގެފާނު މި ނިންމެވުން ނިންމެވީ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި ސަރަވަކްގެ ޕްރެމިއާ އަބަންގް ޖޯހަރީ އޯޕެންގްގެ ލަފާފުޅާއި މަޝްވަރާގެ މަތިންނެވެ. ޤާނޫނުއަސާސީ ހަމަޖެހިފައިވާ ގޮތުން، ޤައުމީ ސަލާމަތަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ދަނޑިވަޅުތަކުގައި މިފަދަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވުމުގެ މަތީ ބާރު މެލޭޝިޔާގެ ރަސްގެފާނަށް ލިބިވަޑައިގެންފައި ވެއެވެ.