މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި 113 މަސްވެރިއަކަށް 14.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
އެ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މަސްވެރިންނަށް މި ފައިސާ ދޫކުރަމުން ދަނީ "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ. މިއީ މަސްވެރިންގެ ޤައުމީ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ މަސްވެރިންނަށް ފަސޭހަކަމާއެކު އިސްލާމިކް ފައިނޭންސިންގެ އެކި ސްކީމްތަކަށް އެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ޕްލެޓްފޯމެކެވެ.
މި ހިދުމަތް މަސްވެރިންނަށް ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު މަސްވެރިކަމާ ބެހޭ ވުޒާރާއިން އެއްބަސްވުމެއް އެކުލަވާލާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގަ އެވެ. އަދި މޭ މަހުން ފެށިގެން މި ސްކީމްގެ ދަށުން އަންނަނީ ލޯނު ދޫކުރަމުންނެވެ. މި ޕޯޓަލްގެ އެހީގައި، ބޭންކުގެ ބްރާންޗަކަށް ދާން ނުޖެހި، ކޮންމެ ތަނެއްގައި ހުރެގެންވެސް ކޮންމެ ވަގުތެއްގައި ލޯނަށް އެދި ހުށަހެޅުމުގެ ލުއިފަސޭހަކަން މަސްވެރިންނަށް ލިބިގެންދާނެ އެވެ.
"މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށް ތަފާތު އެކި ބޭނުންތަކަށް ލޯނު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފަ އެވެ. އޭގެ ތެރޭގައި:
- ގެދޮރު އެޅުމާއި އިމާރާތް މަރާމާތުކުރުން
- މަސްވެރިކަމުގެ ސާމާނު ގަތުމާއި އައުކުރުން
- ދަރިންނަށް މަތީ ތައުލީމު ހޯދައިދިނުން
- އޮޑިދޯނިފަހަރު ބަނުމާއި، ގަތުމާއި، މަރާމާތުކުރުން
- ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުން
ސަރުކާރުން ވަނީ މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލައި، އެހެން ދާއިރާތަކެކޭ އެއްފަދައިން މަސްވެރިންނަކީވެސް ދައުލަތް ދަންނަ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ. މަސްވެރިންނަށް ފަސޭހައިން ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މީގެ އިތުރުން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އިންތިޒާމުވެސް ސަރުކާރުން ވަނީ ހަމަޖައްސައިދީފަ އެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން މަސް ކިރުވައި ފައިސާ ދޫކޮށްފައިވަނީ އޭޕްރިލް މަހުގަ އެވެ. އެ މަހު 4،414 ޓަނުގެ މަސް ކިރުވައި، 78.8 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެ އެވެ.
މެލޭޝިޔާގެ އަވަށަކަށް ވައި ނުސާފުވެ ކުއްލި ނުރައްކަލުގެ ހާލަތު
ނޭޕާލަށް ރާއްޖެއިން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި