ޖުޑީޝަރީގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު، ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު މިއަދު ފަނޑިޔާރުކަމުގެ މަގާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި މާހިރު، މަގާމުން ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް މިއަދުން ފެށިގެން އޭނާ މަގާމުން ވަކިވެވަޑައިގެންފައިވާކަން ހައިކޯޓުން ވަނީ ހާމަކޮށްފަ އެވެ.

މާހިރު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ 9 ނޮވެމްބަރު 2005 ގައި އޭރުގެ މަދަނީ ކޯޓަށެވެ. އެ ފަހުން 23 މެއި 2010 ގައި ފެމިލީ ކޯޓަށް ބަދަލުވެވަޑައިގަތުމަށްފަހު، 13 އޮކްޓޫބަރު 2022 ގައި އެ ކޯޓުގެ އިސް ގާޒީގެ މަގާމަށް ހަމަޖެއްސެވި އެވެ. އަދި ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވުމަށްފަހު ހައިކޯޓަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ފަނޑިޔާރު މާހިރު ވަކިވެވަޑައިގަތުމާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު މިހާރު ވަނީ 10 އަކަށް ވެފަ އެވެ.