އިންޑޮނޭޝިއާގެ އަނަކް ކްރަކަޓޯއާ އަލިފާން ފަރުބަދަ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގޮވުމާ ގުޅިގެން، އުފެދުނު އަޅިތައް ހުޅަނގު އިންޑޮނޭޝިއާގެ ސަރަހައްދުތަކަށް ފެތުރި، ޖަކާޓާގެ ސޮއެކާނޯ-ހައްޓާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށްފި އެވެ.
އިންޑޮނޭޝިއާގެ ޖިއޮލޮޖިކަލް އެޖެންސީން ބުނި ގޮތުގައި، ޖާވާ އަދި ސުމަޓްރާ އައިލެންޑާ ދެމެދު އޮންނަ ސުންޑާ ސްޓްރެއިޓްގައިވާ މި އަލިފާން ފަރުބަދަ އާދީއްތަ ދުވަހުގެ ފަތިހު 3:53 ގައި 30 ސިކުންތުގެ ވަގުތަކަށް ގޮވާފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. އަދި މީހުން ދިރިއުޅޭ އެންމެ ކައިރި ރަށަކީ 16 ކިލޯމީޓަރު (10 މޭލު) ދުރުގައި އޮންނަ ރަށަކަށް ވާތީ، މީހުން ހުސްކުރުމުގެ އަމުރެއް ނެރެފައެއް ނުވެ އެވެ. ނަމަވެސް، ފަރުބަދައިގެ މައި ވަޅުގަނޑާ (ކްރޭޓަރު) މަދުވެގެން 3 ކިލޯމީޓަރު (1.9 މޭލު) ކައިރިއަށް ނުދިއުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އިންޑޮނޭޝިއާގެ ސެންޓާ ފޯ ވޮލްކަނޮލޮޖީ އެންޑް ޖިއޮލޮޖިކަލް ހެޒާޑް މިޓިގޭޝަނުން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ފަރުބަދައިން އުފެދުނު އަޅިތައް ވެރިރަށް ޖަކާޓާގެ ބައެއް ސަރަހައްދުތަކަށާއި ސުމަޓްރާގެ ދެކުނުގައި އޮންނަ ލަމްޕަންގް ޕްރޮވިންސަށް ވަނީ ފެތުރިފަ އެވެ.
ސޮއެކާނޯ-ހައްޓާ އެއާޕޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަނަކް ކްރަކަޓޯއާ އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން، އާދީއްތަ ދުވަހުގެ ހެނދުނު 5:30 އިން 9:30 އަށް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ކަމަށެވެ.
ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން، އެ ގައުމުގެ އެންމެ ބާރުބޮޑު އެއާޕޯޓުގައި ތިބި ފަސިންޖަރުން ވަނީ ފައިސާ އަނބުރާ ހޯދުމަށާއި ޗެކް-އިން ކޮށްފައިވާ ފޮށިތައް އަނބުރާ ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.
އިންޑޮނޭޝިއާގެ ވޮލްކަނޮލޮޖީ އެޖެންސީ އާއި އޮސްޓްރޭލިއާގެ ޑާވިން ވޮލްކަނިކް އޭޝް އެޑްވައިޒަރީ ސެންޓަރުން ސެޓެލައިޓް ފޮޓޯތައް މެދުވެރިކޮށް ދެ އަޅި ވިލާގަނޑެއް ފާހަގަކޮށްފައިވެ އެވެ.
މީގެ ތެރެއިން އެއް ވިލާގަނޑު 20،000 ފޫޓު (6,100 މީޓަރު) އުހަށް އަރައި، އިރުއުތުރަށް ދަތުރުކޮށް ޖަކާޓާ، ބަންޓެން، ވެސްޓް ޖާވާ އަދި އެ ސަރަހައްދުގެ ކަނޑުގެ ބައިތަކަށް ވަނީ އަސަރުކޮށްފަ އެވެ. ދެވަނަ ވިލާގަނޑު 50،000 ފޫޓު (15,200 މީޓަރު) އުހަށް އަރައި، ހުޅަނގަށާއި ހުޅަނގު އުތުރަށް ދަތުރުކޮށް، ބަންޓެން، ލަމްޕަންގް، ބެންކޫލޫ ޕްރޮވިންސްގެ އިތުރުން ސުންޑާ ސްޓްރެއިޓާއި އިންޑިއާ ކަނޑުގެ ބައެއް ސަރަހައްދުތަކަށް ވަނީ ފެތުރިފަ އެވެ.
2018 ވަނަ އަހަރު އަނަކް ކްރަކަޓޯއާ އަލިފާން ފަރުބަދަ ގޮވައިގެން ކުރިމަތިވި ސުނާމީގެ ހާދިސާގައި ސުމަޓްރާ އާއި ޖާވާއިން މަދުވެގެން 430 މީހުން މަރުވެފައިވާކަން ފާހަގަކޮށްލެވެ އެވެ.
ފޮޓޯ ނެގުމަކީ އަހަރެންގެ މަސައްކަތެއް ނޫން: ސަލްމާން
ޑޮލީ ޕާޓަންއަށް ހާއްސަ ދުވަހެއް އެމެރިކާގައި ފާހަގަ ކުރަނީ!
މެންބަރުން ތިބީ ބަނދެލާފައި އޮތް ދަރު ބޮނޑިއެއްހެން: އަބްދުރަހީމް