މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އަންނަ ހަފުތާގެ ތެރޭގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މެލޭޝިއާގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަންނަވާނީ މި ހިނގާ މަހުގެ 14 އިން 15 އަށެވެ. މިއީ އެމަނިކުފާނު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަނީ އިންޑިއާގައި ބާއްވާ ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވާ މަގުމަތީގަ އެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ފަރާތުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް، ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅު އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި ރައީސް ވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ދަރިވަރުންނާ ބައްދަލުކުރައްވާފަ އެވެ.