ސައޫދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ ވަސީލަތްތަކަށް އަމާޒުކޮށް ހޫސީންގެ ޖަމާއަތުން ދިން ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ސައޫދީގެ އަބްހާ، ހަމީސް މުޝައިތު، ޖާޒާން އަދި ނަޖްރާނަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އާންމުންގެ ގިނަ ބަޔަކު ވަނީ ޒަހަމްވެފަ އެވެ.
ސަރުކާރުން ވަނީ މިފަދަ ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ ސިއާދަތާއި އިސްތިގުލާލަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ހަމަޖެހުމާއި ސުލްހައަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ސައޫދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުން އަޅަމުންދާ އެންމެހައި ފިޔަވަޅުތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ސަރުކާރުން ވަނީ ތަކުރާރުކޮށްފަ އެވެ.
ޔަމަނުގެ އެތެރޭގެ ހަނގުރާމަ އަނެއްކާ ވެސް ފުޅާވެފައިވާ ދަނޑިވަޅެއްގައި ދިން މި ހަމަލާތަކުގައި އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި ހަކަތަ އުފައްދާ ބައެއް މަރުކަޒުތަކަށް އަމާޒުވެ، އަލިފާނުގެ ހާދިސާތައް ހިންގައި ބައެއް މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނު ކަމަށް ސައޫދީގެ އެނާޖީ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ސައޫދީ އިސްވެ އޮންނަ ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވީ، މިއީ ސައޫދީގެ ސިޔާދަތާ ހިލާފު ނުރައްކާތެރި އަމަލެއް ކަމަށާއި، މި ނުރައްކަލާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ކޯލިޝަނުން އަޅަމުންދާނެ ކަމަށެވެ.
ހޫނުމިން މަތިވާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
އިނގިރޭސިވިލާތުން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް!