މަސްތުވާތަކެތީގެ ކުށްތައް ކުރަން ތަކުރާރުކޮށް ބޭނުންކުރި ގެއެއްގެ ވެރިފަރާތް 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ގ. ޕެލިކަން އިބްރާހިމް ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާ އެގެއިން އެހެން ބަޔަކަށް ކުއްޔަށް ދިން ތަނަކުން މިއަހަރު މަސްތުވާތަކެތި ފެނުނު މައްސަލާގަ އެވެ. އަދި އެގެއަކީ 2014 ވަނަ އަހަރު މަސްތުވާތަކެތީގެ ކުށްތައް ތަކުރާރުކޮށް ހިންގަމުން ދިޔަ ތަނެއް ކަމަށް ދައުލަތުން ތުހުމަތުކުރި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ 2014 ވަނަ އަހަރުން ފެށިގެން އެތަނުގައި މަސްތުވާތަކެތީގެ ކުށްތައް ކުރާތީ އެތަން ފާސްކޮށް، ފުލުހުން އެ މީހާއަށް ނޯޓިސް ދިން ކަމަށެވެ. ނަމަވެސް ކުލީގެ އެއްބަސްވުން އޭނާ ބާތިލް ނުކޮށް ހުރުމުން އެ ކުށަށް އޭނާ ފުރުސަތު ދީފައިވާ ކަމަށް ބަލަންޖެހޭ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިބުނީ އޭނާ އެ ތަނުގައި މަސްތުވާތަކެތީގެ އަމަލުތައް ހިންގާކަން އެނގި ހުރެ އެ ތަން އެކަން އޭނާ ހުއްދަ ކުރިކަން ސާބިތުވާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އޭނާ 10 އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

މިއީ އެފަދަ މައްސަލައެއްގައި މީހަކު ޖަލަށްލާން ހުކުމްކުރި ފުރަތަމަ މައްސަލަ އެވެ.