ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މުޅި މަޝްރޫއުގެ އަމަލީ މަސައްކަތުގެ 31 ޕަސެންޓް ނިމިއްޖެ އެވެ.
އެމްޑަބްލިއުއެސްސީން މިއަދު ބުނީ މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 58 ޕަސެންޓް މަސައްކަތް އަދި 9.5 ކިލޯ މީޓަރުގެ ދިގު ފެން ހޮޅިގެ މައިނެޓްވޯކްގެ ހޮޅިވަޅުލުމުގެ 93 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން ކުޑަފަރީގައި ފެން އުފެއްދުމަށް ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރަން ތިން ތާނގީ ބެހެއްޓުން ހިމެނެ އެވެ. އަދި 169 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރ ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިމަޝްރޫގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 8.1 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ 50 ޕަސެންޓް މަސައްކަތް އަދި ޕަންޕިން ސްޓޭޝަންތަކުގެ 44 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އެ ކުންފުނިން ބުނީ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކުޑަފަރީގައި 650 މީޓަރގެ ޕަމްޕިން ލައިން އެޅުމާއި، 1 ސީ އައުޓް ފޯލް ގާއިމްކުރާނެ ކަމަށެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.
މިއާއެކު، މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިމަޝްރޫގެ މަސައްކަތް ނިމުމުން ކުޑަފަރީގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މީގެ އިތުރުން މިހާރު އެމްޑަބްލިޔުއެސްސީން އަންނަނީ ފެނާއި ނަރުދަމާގެ 31 މަޝްރޫއެއް ރާއްޖޭ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުންނެވެ.