މާލެ ކައިރީގައި އަޅާފައި އޮއްވާ އޮޔާ ގޮސް ސިނަމާލެ ބުރިޖުގެ ތަނބެއްގައި ތެޔޮ ބޯޓުތަކެއް ޖެހުނު ހާދިސާގައި ބުރިޖުގެ މައި ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ކުދިކުދި ރެނދުތަކެއް ލާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވެ، ވައިބާރުވެ ކަނޑުގަދަވުމުގެ ސަބަބުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މާލޭ އުތުރު ފަރާތު ކާނިވަލާ ދިމާލުން ދެ ބޯޓު އޮޔާ ގޮސް، އޭގެ ތެރެއިން އެއް ބޯޓު ވަނީ ބުރިޖުގެ ތަނބެއްގައި ޖެހި އުރިފަ އެވެ.

މި ހާދިސާއާ ގުޅިގެން މިނިސްޓަރު މުއްތަލިބު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާދިސާ ހިނގި ވަގުތުން ފެށިގެން ރެއާއި މިއަދު، ބުރިޖު ބަލަހައްޓާ ޗައިނާގެ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިން ގެއްލުންތައް ދެނެގަތުމަށް ސާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ބެލުމުން ބުރިޖުގެ މައި ސްޓްރަކްޗާއަށް އެއްވެސް އަސަރެއް ކޮށްފައި ނުވި ނަމަވެސް، ފާހަގަކުރެވުނު ކުދި ރެނދުތައް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ކުންފުނިން މަރާމާތު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލެ ސަރަހައްދުގައި މިފަދަ ބޮޑެތި އުޅަނދުފަހަރު ކޮންޓްރޯލުން ނެއްޓުމަކީ ސިނަމާލެ ބުރިޖާއި، ތަރައްގީ ކުރަމުންދާ ގިރާވަރު-ތިލަފުށި ބުރިޖުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މުޅި ސަރަހައްދުގެ އާންމު ދިރިއުޅުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެކެވެ.

އެހެންކަމުން މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން، ކޮންޓްރޯލުން ނެއްޓިގެން އޮޔާދާ އުޅަނދުތައް ހިފެހެއްޓޭނެ ފަދަ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލް މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ މަސް ތެރޭގައި އެ ބޯޓުތައް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން ފަޅުގައި އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުގެ ގަވާއިދުތައް މުރާޖާކޮށް، ކޯސްޓްގާޑާއި އެހެނިހެން އިދާރާތައް ގުޅިގެން ކުއްލި ހާލަތްތަކުގައި އަވަހަށް ހަރަކާތްތެރިވެވޭނެ އުސޫލުތަކެއް އެކުލަވާލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ހިމެނެނީ ހުއްދަނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް މީގެ މަސްތަކެއް ކުރިން ހިފަހައްޓާފައިވާ ދެ ޓޭންކަރެވެ. އެއީ "ކޭޖީ 1" އަދި "އޭއެލް 1" ނަމަކަށް ކިޔާ ދެ ބޯޓެވެ. އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި އެތެރެވި މި ދެ ބޯޓުގައި އިންޑިއާގެ 20 ފަޅުވެރިން ތިބިއިރު، މި މައްސަލަ ކަސްޓަމްސް އާއި ޓްރާންސްޕޯޓް އޮތޯރިޓީ އަދި އެމްއެންޑީއެފުން އައީ ތަހުގީގު ކުރަމުންނެވެ.