ކިތަންމެ މަތީފާސްތަކެއް ލިބިފައި ވީނަމަ ވެސް މަސައްކަތުގެ މާހައުލަށް ނުކުތުމާއެކު އެ މީހަކަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެ އެވެ. މަސައްކަތުގެ ޑިމާންޑެވެ. އެކަމުން ކުރިމަތި ކުރުވާ ޕްރެޝަރާއި މީހުންގެ ފަރާތުން އަންނަ ހިތްހަމަނުޖެހުމުގެ ބަސްތަކެވެ. މިއީ ހައްތަހާ ވެސް މާޔޫސް ކުރުވާނެ ކަންކަމެވެ. އެހެން ނަމަވެސް އެފަދަ ދަނޑިވަޅުތަކުގައި އަމިއްލަ ނަފްސަށް ކުރާ އިތުބާރަކީ ކުރިއަށް ދިއުމަށް ދިމާވާ ހުރަސްތަކުން ގިރާކުރުމަށް ބޭނުން ކުރެވޭ އެންމެ ބޮޑު ހަތިޔާރުކަން މި ހުނަރުވެރިޔާ އެވަނީ ދައްކަދީފަ އެވެ.
އެއީ މީގެ 32 އަހަރު ކުރި އެވެ. އެސްއީސީ ނުވަތަ މިހާރުގެ ނަމުން ނަމަ ސީއެޗްއެސްއީ އިން މަތީ ސާނަވީ ފުރިހަމަ ކުރި ޏ. ފުވައްމުލަކަށް އުފަން، އެރަށު ކްރީމްގޭ، ނަސްރީނާ ވަހީދު (ނަސްރު) ސްކޫލް ނިމުމަށް ފަހު ބޭނުންވީ، އެންމެ އަވަހަށް ސަރުކާރަށް ޚިދުމަތް ކުރެވޭނެ ރޮނގަކުން ކުރިއަށް ދިއުމަށެވެ.
ނަސީބު ދިމާކުރި ގޮތުން އައިޖީއެމްއެޗްގައި އެވަގުތު ހުސްވަޒީފާއެއް އޮތުމުން އެ ވަޒީފާއަށް އޭނާ ކުރިމަތިލި އެވެ. އެއީ އެޑްމިންގެ ޕާސަނަލް ސާވިސަސް އޮފިސާގެ މަގާމެވެ. އޭނާގެ "ކާމިޔާބު ސީވީ"އަށް ބަލައިފައި އެ ވަޒީފާއަށް ހޮވޭނެ ކަމާމެދު އޭނާ ޝައްކެއް ނުކުރެ އެވެ. ކަންވެ ނިމިގެން ދިޔައީ ވެސް އޭނާ ހީކުރި ގޮތަށެވެ.
"ކުޑައިރު ވެސް އަޅުގަނޑުގެ އެކަޑެމިކް ކާމިޔާބިތައް ވަރަށް ގިނަވާނެ. އަދަބީ ހަރަކާތްތަކާ ވާހަކަ ދެއްކުމުގެ މުބާރާތްތަކުން ކުލަގަދަ ވަނަތައް ލިބިފައިވޭ. ޏ އަތޮޅު ތައުލީމީ މަރުކަޒުން މާލޭ އިންގްލިޝް ސްކޫލަށް ބަދަލުވީ ވެސް އޭރު ގްރޭޑް 7 އިން ދެވޭ ޖޭއެސްސީ (ޖޫނިއާ ސްކޫލް ސެޓްފިކެޓް އެގްޒޭމް)ގައި ޓޮޕް 10 ގައި ހިމެނިގެން،" އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އިޑިޓްކޮވަން ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާއެއްގެ މަގާމު އަދާކުރަމުން އަންނަ ނަސްރު ބުންޏެވެ.
ނަސްރުގެ ދާއިރާއަކީ ނަރުސްކަމެވެ. އައިޖީއެމްއެޗްގެ އިދާރީ މުވައްޒަފެއްގެ ގޮތުގައި ދުވަސްކޮޅަކު މަސައްކަތް ކުރުމަށް ފަހު، ޕާކިސްތާން ސަރުކާރުގެ ސްކޮލާޝިޕެއްގައި އޭނާ ދެން ދިޔައީ ޕާކިސްތާނުގެ ބަކާއީ މެޑިކަލް ޔުނިވާސިޓީއަށް ނާސިންގެ ދާއިރާއިން ޑިޕްލޮމާ އަށް ކިޔެވުމަށެވެ. ޕާކިސްތާނުގައި 1996 އިން ފެށިގެން 2000 ވަނަ އަހަރާ ހަމަޔަށް ހޭދަކުރި 4 އަހަރު ތެރޭ ނާސިންގެ ދާއިރާއަށް ވަރަށް ބޮޑަށް ހިތްޖެހުނު ކަމަށް އޭނާ ބުންޏެވެ.
"ނާސިންއަކީ ވަރަށް ޓަފް ޖޮބެއް. އެއީ އެ މީހެއްގެ ހިތާ ފުރާނައިން ގުރުބާން ވެގެން ކުރާ މަސައްކަތެއް. އެހާ ޑިމާންޑް އޮތް ފީލްޑެއް. ހަމައެކަނި މީހާގެ ޓައިމެއް ވެސް ނޫން އެނާޖީއެއް ވެސް ނޫން. އަމިއްލަ ފެމެލީއަށް ދޭ ވަގުތު ވެސް ގުރުބާން ކުރަން ޖެހޭ ފަހަރު ވެސް އަންނާނެ. އެ މަސައްކަތުގެ އަގު މުސާރައަކުން ނުދެވޭނެ. ބަލިމީހާ ނުވަތަ އޭނާގެ އެހީތެރިޔާގެ އެންމެ އަޅާލުން ބޭނުންވާ ވަގުތު އެ މީހެއްގެ ކައިރީގައި ހުރެލުމާއި، އެ މީހަކާ ވާހަކަ ދައްކާލާ ސަޕޯޓް ދެވުނީމަ އެދެވޭ އަޅާލުމަކީ އެއްވެސް ފައިސާއަކުން އަދާ ކުރެވޭނެ އަގެއް ނޫން،" މެލޭޝިއާގެ މޮނާޝް ޔުނިވާސިޓީއިން ފަހުން ބެޗެލާސް ޑިގްރީ ފުރިހަމަކުރި ނަސްރު، ނާސިން އާ ބެހޭ ގޮތުން އޭނާ ދެކޭ ގޮތް ހާމަކުރީ އެ ދާއިރާއަށް ވަންނަން ބޭނުންވާ ކުދިންނަށް މެސެޖެއް ދޫކޮށްލަމުންނެވެ.
ނާސިން ދާއިރާގައި މަސައްކަތް ކުރި ދުވަސްވަރު އޭނާ ވާނީ އައިޖީއެމްއެޗްގެ ބައެއް ނާސިން ލީޑާޝިޕް ރޯލްތަކުގައި ވަރަށް އަގުހުރި ހިދުމަތްތަކެއް ވެސް ކޮށްދީފަ އެވެ. އޭގެ ތެރޭގައި މެޑިކަލް ވޯޑް އިންޗާޖެއްގެ ގޮތުގައި ކުރި މަސައްކަތްތަކާއި ޝިފްޓް ކޯޑިނޭޝަންގައި ކުރި މަސައްކަތް ހިމެނެ އެވެ.
"ނާސިން ޝިފްޓް ކޯޑިނޭޓާއެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު އަޅުގަނޑު އުޅުނިން. އެ އުޅުނުއިރު ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހުނު. ބައެއް ފަހަރު ވަރަށް ހިތްހަމަނުޖެހިގެން ބައެއް މީހުން އައިސް އަޅުގަނޑާ މުޚާތަބުކޮށްފައި ވެސް ވޭ،" 2006 ގައި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް އެޑެލައިޑްގެ ނާސިން ދާއިރާއިން މާސްޓާސް ފުރިހަމަ ކޮށްފައިވާ ނަސްރު ބުންޏެވެ.
ނާސިން ދާއިރާއިން ޕަބްލިކް ހެލްތަށް
އައިޖީއެމްއެޗްގައި ކްލިނިކަލް އަދި ލީޑާޝިޕްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ކުރުމަށް ފަހު، ޕީއެޗްޑީ ހެދުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އެއާއެކު މަސައްކަތްކުރާ ދާއިރާ ނާސިން އިން ޕަބްލިކް ހެލްތަށް ބަދަލު ކޮށްލުމުގެ ވިސްނުމެއް އޭނާގެ ސިކުނޑީގައި އެނބުރެން ފެށި އެވެ. އޭއާއެކު އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވާސިޓީގައި 2009 ޕަބްލިކް ހެލްތްގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވަން ފެށި އެވެ. ނަމަވެސް ރިސާޗް ހެދީ ނާސިންއާ ގުޅޭ ބައެއް ކަމަށްވާ ކެންސާ ކެއާ ކޯޑިނޭޝަން އިންނެވެ.
"އޮސްޓްރޭލިއާ ސަރުކާރުގެ ސްކޮލާޝިޕެއް ވީމަ އެތަނުގެ ކެއާ ކޯޑިނޭޝަންއަށް އަސްލު ބެލީ. އެ ޔުނިވާސިޓީގައި ކިޔަވަން އުޅުނުއިރު ކިޔަވައި ދޭން ފުރުސަތު ލިބުނީމަ ދެން ދެވުނީ ކިޔަވައިދިނުމުގެ ދާއިރާއަށް. ވީމާ 2009 އިން ފެށިގެން މިއަދާ ހަމައަށް ވެސް މިދަނީ އެކަޑެމިކް ނުވަތަ ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރަމުން،" ނަސްރު ބުންޏެވެ.
އޮސްޓްރޭލިއާގައި ކިޔަވައި ދިނުމުގައި މެދުނުކެނޑި 16 އަހަރު ހޭދަކުރި ނަމަވެސް އޭނާ ނާސިންއާ ދުރުވެފައެއް ނުވެ އެވެ. ހަފްތާ ބަންދުގައި ލިބޭ ބައެއް ހުސް ވަގުތުތަކުގައި ހޮސްޕިޓަލްތަކަށް ގޮސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކޮށްލުމަކީ އޭނާއަށް ލިބޭ އުފަލެކެވެ.
އޮސްޓްރޭލިއާގައި ދިރިއުޅުނު ނަމަވެސް، ނަސްރު ފާހަގަ ކުރެވެނީ ރާއްޖޭގައި އޭނާ މަސައްކަތް ކޮށްފައިވާ ކޮންމެ ދާއިރާއަކުން އެހީއަކަށް ގޮވާލި ނަމަވެސް، އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ހުރި ނަރުހެއް އަދި ލެކްޗަރާއެއްގެ ގޮތުގަ އެވެ.
"ދިވެހިންނާ ގުޅުން ބޭއްވީމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. އެހެންވެ ވިލާ ކޮލެޖުން، ޒިކުރާ ކޮލެޖުން ނުވަތަ އެމްއެންޔޫއިން އެއްވެސް ކަހަލަ އެހީއަކަށް އެދުނު ނަމަވެސް އެކަމެއް ކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ދެކެން. ދެން ކްލިނިކަލީ ވެސް ރާއްޖޭގެ އެއްވެސް ސިއްހީ ދާއިރާއަކުން ކަމެއް ކޮށްދިނުމަށް އެދެފި ނަމަ، މިހުރީ ހަމަ ވަގުތު ވީ ވަރަކުން ހަމަ ހިލޭސާބަހަށް އެކަމެއް ކޮށްދޭން،" ނަސްރު ބުންޏެވެ.
ނަސްރު ކިތަންމެ ބޮޑަށް އެހީތެރިކަން ފޯރު ކޮށްދޭން ބޭނުންވި ނަމަވެސް، ފަހަކަށް އައިސް ރާއްޖެއިން އެފަދަ އެހީތެރިކަމަށް މަދު ފަހަރަކު ނޫނީ އެދިފައި ނުވާ ކަމަށް އޭނާ ހިތާމަޔާއެކު ފާހަގަ ކުރި އެވެ.
އަޕްރާގައި ނަސްރުގެ މުހިންމު ހިދުމަތްތަކެއް
ކިޔަވައިދިނުމުގެ އިތުރަށް އޭނާ ދޭ ވަރަށް މުހިންމު އެހެން ޚިދުމަތެއް އޮވެ އެވެ. އެއީ އޮސްޓްރޭލިއަން ހެލްތު ޕްރެކްޓިޝަނަލް ރެގިއުލޭޝަން އޮތޯރެޓީ (އަޕްރާ) އިން ދުނިޔޭގެ އެކި ގައުމުތަކުން ޓްރޭން ވެގެން އޮސްޓްރޭލިއާއަށް އެތެރެވާ ސިއްހީ ދާއިރާގެ މީހުން، ރެޖިސްޓްރީވުމުގެ ކުރިން ހަދަން ޖެހޭ އިމްތިހާންތައް ހިންގައި ދިނުމުގައި އެގްޒެމިނާއެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. މީގެ ތިން އަހަރު ކުރިން އަޕްރާއާ ގުޅުނު ގޮތަށް މެދުނުކެނޑި އޭނާ އެ މުއައްސަސާއަށް އެ ދަނީ ޚިދުމަތް ކޮށްދެމުންނެވެ.
ކިޔަވައިދިނުމުގެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ލިބިފައިވޭ
ޔުނިވާސިޓީގައި ކިޔަވައިދޭ ދާއިމީ ލެކްޗަރާއަކަށް ވުމުން ނަސްރުއަށް ކުރިއަށް ދިއުމަށް ގިނަ ފުރުސަތުތަކެއް ލިބެ އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާގެ އެހެން ޔުނިވާސިޓީތަކުގައި މަސައްކަތް ކޮށްލުމުގެ ފުރުސަތާއި، ކޯސް ކޯޑިނޭޓަރެއްގެ ގޮތުގައި އެކަޑެމިކް ބޯޑުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތާއި، އެކަޑެމިކް އިންޓެގްރިޓީ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތެވެ.
އެ ހުރިހާ ފުރުސަތުތަކެއްގެ ބޭނުން އޭނާ ހިފި ނަމަވެސް ޕްރޮފެސަރެއްގެ މަގާމު ހުށަހެޅުމުން އެ ހުށަހެޅުމަށް އޭނާ ނޫނެކޭ ބުނެފައިވެ އެވެ. ސަބަބަކީ އަމިއްލަ ގައުމު ނޫން ކަމުގެ އިހްސާސް އަބަދުވެސް ކުރެވޭތީ އަނބުރާ ރައްޖެ އައުމަށް އުންމީދު ކުރެވޭތީ އެވެ.
މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބު
ނަސްރުއަށް ލިބިފައިވާ ކާމިޔާބީތައް ގިނަ އެވެ. އޭގެ ތެރޭގައި ރާއްޖެއިންނާއި އަދި އޮސްޓްރޭލިއާއިން ލިބިފައިވާ ކާމިޔާބީތައް ހިމެނެ އެވެ. ރާއްޖެއިން އޭނާއަށް ލިބިފައިވާ ކާމިޔާބީތަކުގެ ތެރެއިން މިހާތަނަށް އެންމެ އުފާވި އަދި ފާހަގަ ކޮށްލެވޭ ކާމިޔާބަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަތްޕުޅުން އެރުވި ހާއްސަ އިނާމެވެ. އެއީ މާސްޓާސް ހެދިއިރު ޔުނިވާސިޓީއިން އެއްވަނަ ލިބުމުން ދިން އިނާމެކެވެ. އޭގެ އިތުރުން ދެން އޭނާ އެންމެ އުފާވި ކާމިޔާބަކީ "ގޯލްޑެންކީ އިންޓަނެޝަނަލް އޮނާސް ސޮސައިޓީ"ގެ ޔުނިވާސިޓީއޮފް އެޑެލައިޑްގެ ޗެޕްޓާއަށް އޭނާއަށް ލިބުނު ދައުވަތެވެ.
ޔުނިވާސިޓީ އޮފް އެޑެލައިޑަކީ އޮސްޓްރޭލިއާގެ "ޖީ8 (ގްރޫޕް8)" ޔުނިވާސިޓިތަކުގެ ތެރެއިން އެއް ޔުނިވާސިޓީ އެވެ. އެތާނގެ ގޯލްޑަންކީ މެންބަރަކަށް ވުމަކީ މީހަކަށް ލިބޭ ބޮޑު ފަޚުރަކާއި ޝަރަފެކެވެ.
"ގޯލްޑަންކީ އަކީ ބައިނަލްއަގްވާމީ ޖަމާއަތެއް. ޔުނިވާސިޓީތަކުގެ ޓޮޕް 15 ޕަސެންޓް މީހުންނަށް މުޅި ދުނިޔޭގަ ވެސް، އެ ޖަމިއްޔާއަށް ވަނުމުގެ ދައުވަތު ލިބެނީ. އެހެން ބަޔަކަށް ދައުވަތެއް ނުދޭނެ. އޭގެ އިތުރުން އަޅުގަނޑަކީ އެކަޑެމިކް މީހެއް ވީމަ، ކޮންމެހެން ކުރަން ޖެހޭ ކަންކަން ހުރޭ. އޭގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ބައިނަލްއަގްވާމީ އެކަޑެމިކް ސޮސައިޓީތަކުން ބާއްވާ ކަންކަމުގައި ބައިވެރިވާން ޖެހޭ. ކޮންފަރެންސްތަކުގައި ޕްރެސެންޓް ކުރަން ޖެހޭ. އެއީ އަޅުގަނޑުމެންގެ މަސައްކަތުގެ ބައެއް،" ނަސްރު ބުންޏެވެ.
ކިތަންމެ ބުރަކޮށް އުޅުނު ކަމުގައި ވިއަސް ހުސް ވަގުތުތަކުގައި އެހެން މީހުންނަށާއި އަމިއްލަ ނަފްސަށް ފައިދާ ހުރި ބައެއް ކަންކަން ކުރުމަކީ ނަސްރުގެ އުފަލެކެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ ހަފްތާ ބަންދު ތެރޭގައި ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އޮންލައިންކޮށް ގުރުއާން ކިޔަވައިދިނުމެވެ.
ނަސްރު ބުނިގޮތުގައި އިތުރު ބައެއްގެ އެހީތެރިކަމާ ނުލާ އެއް ވެސް މީހަކަށް ކުރިއަކަށް ނުދެވޭނެ އެވެ. އޭނާއަށް އެ ހިސާބަށް ދެވުމުގައި އޭނާގެ އާއިލާ، ފިރިމީހާ އަދި ކުދިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. އަދި މިހާރު ވެސް ދަނީ ލިބެމުންނެވެ.