ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ދަޢުވަތު މެލޭޝިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އެރުވީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އަންވަރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އެވެ. ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ޖެހިގެން އަންނަ ދުވަހު އެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ. މި މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަގްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން އާ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާނެ އެވެ. މީގެ އިތުރުން ދެ ގައުމުގެ މެދުގައި މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެ އެވެ.
ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދައުލަތުގެ އިސް ބޭފުޅުން އެމަނިކުފާނުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ބައްދަލުކުރައްވާނެ އެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 58 އަހަރު ވެފައިވާއިރު ދެ ގައުމުގެ ދެމެދުގައި ވަނީ ވަރުގަދަ ގުޅުމެއް އުފެދިފަ އެވެ. ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްކަމާއި ގައުމީ ތަރައްގީގެ އެކި ދާއިރާތަކުން ވެދޭ އެއްބާރުލުން މި ގުޅުމުގެ ތެރެއިން ފާހަގަކުރެވެ އެވެ.
މިވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިއްޖެ: ރައީސް ޔާމީން
ރޭ އޮޔާދިޔަ ދެ ބޯޓަކީ ވަގަށް ވަދެފައިވާ ބޯޓުތަކެއް
މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ތެލުގެ އަގު 107 ޑޮލަރަށް
