ސައުދީ އަރަބިއްޔާގެ އީސްޓް-ވެސްޓް ޕައިޕްލައިނަށް އަމާޒުކޮށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ރިޔާދު އަދި މަދީނާ ސަރަހައްދުގައިވާ އީސްޓް-ވެސްޓް ޕައިޕްލައިނަށް އަމާޒުކޮށް، އިރާގުގެ ސަރަހައްދުން ފޮނުވާލި ޑްރޯންތަކެއް ބޭނުންކޮށްގެން ދިން ހަމަލާ ރާއްޖޭން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މި ފިނޑި ހަމަލުގެ ސަބަބުން އާންމު ބައެއް ރައްޔިތުންނަށް އަނިޔާވެ، އެ ގައުމުގެ ތެޔޮ ހޮޅިލައިނަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މިފަދަ މުހިންމު އިގްތިސާދީ ވަސީލަތްތަކަށް ދޭ ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި އިސްތިގްލާލަށް އަރައިގަނެ، އެ ގައުމުގެ ސަރަހައްދީ ނަޒާހަތްތެރިކަމާ ހިލާފަށް ހިންގާފައިވާ ބޮޑު އުދުވާނެކެވެ. އަދި މިއީ މުޅި މެދުއިރުމަތީގެ ސަރަހައްދީ ސުލްހަވެރިކަމާއި، އަމާންކަމާއި، ހަމަޖެހުމަށް ކުރިމަތިކުރުވި ބޮޑު ނުރައްކަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

މީގެއިތުރުން، ދިވެހިރާއްޖޭން އަބަދުވެސް ދެމިއޮންނާނީ ސައުދީ ސަރުކާރާއި އެ ގައުމުގެ އަހުވަންތަ ރައްޔިތުންނާ އެކުގައިކަން ސަރުކާރުގެ ބަޔާނުގައި ވަނީ ޔަގީންކަން ދީފަ އެވެ. އަދި ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި، ސަލާމަތާއި، ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖޭގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އަބަދުވެސް ލިބޭނެކަން ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

އިރާގުން ފޮނުވާލި ޑްރޯންތަކަކުން ދިން ހަމަލާތަކާ ގުޅިގެން، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން ބޭނުންކުރާ ތެޔޮ އެކްސްޕޯޓްކުރާ މައި މަގެއް ކަމަށްވާ އީސްޓް-ވެސްޓް ޕައިޕްލައިން ވަގުތީގޮތުން ބަންދުކުރަން ޖެހިފައިވާ ކަމަށް ސައުދީ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެ، ތަންތަނަށް ގެއްލުން ލިބިފައިވާ ކަމަށް އެ ސައުދީ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.