އިންޑޮނޭޝިއާގެ ޖާވާ ކަނޑުން ދަތުރުކުރި ފެރީއެއް ބަންޑުން ޖަހާލުމުގެ ހާދިސާގައި ހަ މީހުން މަރުވެފައިވާ ކަމަށާއި، 107 މީހަކު ސަލާމަތްކުރެވިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން "ވާގޯ ޓްރާންސްޕޯޓް 8" ނަމަކަށް ކިޔާ މި އުޅަނދާ މުއާސަލާތީ ގުޅުން ކެނޑުނުއިރު، އަދިވެސް 130 މީހަކު ނުފެނި ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސުރަބާޔާ އިން ފުރައިގެން ދެކުނު ކަލިމަންޓަންގެ ބަންޖަރުމާސިންއަށް ދަތުރުކުރި މި ފެރީ އެންމެ ފަހުން ފާހަގަކުރެވިފައިވަނީ އާދީއްތަ ދުވަހުގެ ފަތިހު 02:00 ހާއިރު ބަންޖަރުމާސިންގެ ދެކުނުން ގާތްގަނޑަކަށް 150 ކިލޯމީޓަރު ބޭރުންނެވެ.

މި ހާދިސާއާ ގުޅިގެން 280 މުވައްޒަފުންނާއެކު ހޯދުމާއި ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު، ކަނޑާއި ވައިގެ މަގުން އުޅަނދުފަހަރާއި ހެލިކޮޕްޓަރު ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދުފަހަރަކަށް މިކަން އަންގައި، އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ހިއްސާކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

119 މީޓަރު ދިގު މި ފެރީގައި 213 ފަސިންޖަރުންނާއި 30 ފަޅުވެރިން ތިއްބެވެ. މި އުޅަނދު ސުރަބާޔާ އިން ފުރާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:33 ގައެވެ. އަދި ބަންޖަރުމާސިންއަށް ދެވޭނެ ކަމަށް ލަފާކުރެވިފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ. ހާދިސާގެ ރިޕޯޓު ކަމާބެހޭ ފަރާތްތަކަށް ލިބިފައިވަނީ ފަތިހު 04:10 ގަ އެވެ.

މި އޮޕަރޭޝަން ހިންގުމަށްޓަކައި އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީއާއި، ކަނޑުގެ ސިފައިންނާއި، މެރިން ޕޮލިސްގެ އިތުރުން ކަމާގުޅޭ އެހެނިހެން އިދާރާތައް ހިމެނޭ ގުޅިފައިވާ ޓާސްކް ފޯހެއް ވަނީ އެކުލަވާލާފަ އެވެ.

އިންޑޮނޭޝިއާގައި ކަނޑުދަތުރުފަތުރަކީ އާންމުކޮށް ބޭނުންކުރާ ވަސީލަތެކެވެ. ނަމަވެސް، ކަނޑުމަތީގެ ހާދިސާތައް ހިނގުމަކީ އެ ގައުމުގައި އާންމު ކަމެކެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި އަހަރުތަކުގައި ގިނަ އަދަދެއްގެ ކަނޑުމަތީ ހާދިސާ ވަނީ ރިކޯޑުކުރެވިފަ އެވެ.

މިދިޔަ ޖުލައި މަހުވެސް ސެލަޔާރު އައިލެންޑްސް ކައިރިން އުޅަނދެއް ފެތި ތިން މީހުން މަރުވެ، 14 މީހަކު ވަނީ ގެއްލިފަ އެވެ. އަދި މިދިޔަ މަހުވެސް މަދޫރާ ރަށް ކައިރިން ފެރީއެއްގައި އަލިފާން ރޯވެ ފަސް މީހުން މަރުވެފައިވެ އެވެ.