ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެންބަރުންނަށް ނޭނގި އެ ޕާޓީން ވަކިކުރަމުންދާ ކަމަށް ބުނެ ކުރަމުންދާ ތުހުމަތުތައް ދޮގުކޮށް، އެ އަމަލު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުށްވެރިކޮށްފި އެވެ.
އީސީން މިފަދަ ބަޔާނެއް ނެރެފައި ވަނީ ޕީއެންއެފްގެ މެންބަރުން ގަވާއިދާ ހިލާފަށް ވަކިކުރަމުންދާ ކަމަށް ބުނެ، އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އެ ޕާޓީން ފުލުހަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެންނެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަން ކުރިމަތީގައި ވާހަކަދައްކަވަމުން ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، އީސީގެ ތެރެއިން ގަވާއިދާ ހިލާފަށް ޕީއެންއެފްގެ މެންބަރުން ވަކިކޮށް، އެހެން ޕާޓީތަކަށް ބަދަލުކުރަމުންދާ ކަމުގެ ސާބިތު ހެކި އެބަހުރި ކަމަށެވެ. އަދި ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އެދެނީ މި ސަބަބާ ހުރެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ތުހުމަތުތަކަށް ރައްދު ދެމުން އީސީން ނެރުނު ނޫސްބަޔާނުގައި ބުނީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމުގައި އޮޅުވާލުންތައް ހުއްޓުވުމަށް، މެންބާޝިޕް ނިޒާމުގެ ތެރެއަށް މިހާރު ވަނީ އީ-ފާސް ތައާރަފުކޮށްފައި ކަމަށެވެ. އަދި އީ-ފާސް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށް ވެސް އަމިއްލަ އިހުތިޔާރުގައި ބޭނުން ވަގުތެއްގައި ޕާޓީއަކަށް ވަނުމާއި ވަކިވުމުގެ ފުރުސަތު އޮންނަނީ ފަހިވެފައި ކަމަށް އީސީން ބުންޏެވެ.
ހަމައެއާއެކު މިއީ އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތި ހިނގާ މުއާމަލާތަކަށް ވާތީ، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ އީސީއަށް ވެސް އަދި އެހެން ފަރާތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އީސީން ބުންޏެވެ.
އީސީން ވަނީ ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލްތިމާސްކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ގިނަ ބަޔަކަށް ނޭނގި ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް މީހުން ވައްދާފައިވާ ކަމުގެ ތުހުމަތުތައް ފެންމަތިވީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. ހަމަ އެ ދުވަސްވަރު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ ތެރެއިން ވަގަށް ޕީއެންސީ ދަފްތަރަށް މެންބަރުން ވައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވޭ ފޮޓޯއެއް ވެސް ލީކުވި އެވެ.
މި މައްސަލަ ބޮޑުވެ، ފަހުން އީސީން ވަނީ ހަމައެކަނި އީފާސް މެދުވެރިކޮށް، އޮންލައިންކޮށް ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީ ވެވޭ ގޮތަށް ބަދަލުކޮށްފަ އެވެ.
ދުންފަތާއި ހިތުގެ ބަލިތަކާ ހުރި ގުޅުން ގިނަ ބަޔަކަށް ނޭނގޭ!
ބާބުލް މަންދަބް ކަނޑުއޮޅިއަށް އިޓަލީގެ މަނަވަރުތައް ފޮނުވަނީ
ޑޮލަރުގެ އާމްދަނީ 328 މިލިއަން ޑޮލަރަށް ވެއްޓިއްޖެ
ޕީއެންއެފުން މެންބަރުން ވަކިކުރާތީ ޝަކީލްގެ މައްސަލަ ފުލުހަށް