ޕީއެންއެފްގެ މެންބަރުން ޕާޓީން ވަކިކުރަމުންދާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި، ޕީއެންއެފުން ހެންވޭރު ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހަޅައިފި އެވެ.

ހެންވޭރު ޕޮލިސް ސްޓޭޝަން ކުރިމަތީ ހުންނަވައި، ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ޕާޓީން ހޯދި ހޯދުންތަކުން، އީސީގެ ތެރެއިން ގަވައިދާ ހިލާފަށް ޕާޓީ މެންބަރުން ވަކިކުރަމުންދާ ކަން ސާބިތު ހިފޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ހަމަ އެހެންމެ، ޕީއެންއެފް މެންބަރުން ވަކިކޮށް، އެހެން ޕާޓީތަކުގެ ދަފްތަރަށް ވެއްދުމުގެ ކަންކަން ހިނގަމުންދާ ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

ޕީއެންއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެންބަރުންގެ ރުހުމަކާ ނުލައި، ގާނޫނާ ހިލާފަށް ސޮއި ފޯޖުކޮށްގެންނާއި އޮޅުވާލައިގެން ޕާޓީން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި، އިންތިހާބުތަކާއި ސިޔާސީ ހަރަކާތްތައް އިންސާފުވެރިކަމާ އެކު ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތު އުފުލަންޖެހޭ ތަނަކީ އީސީ ކަމަށްވީ ހިނދު، އެ ކޮމިޝަންގެ ވެރިޔާގެ ބައިވެރިވުމާ އެކު ނުވަތަ އިހުމާލުން ފަދަ ޖިނާއީ އަމަލުތަކެއް ހިންގުމަކީ ޑިމޮކްރެޓިކް ނިޒާމަށް އޮތް ނުރައްކަލެއް ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ރަސްމީކޮށް މައްސަލަ ބަލައިގަތް ކަން ހާމަކޮށް، ޕީއެންއެފުން ވަނީ ފުރިހަމަ މިނިވަންކަމާ އެކު ވީ އެންމެ އަވަހަކަށް ތަހުގީގު ކުރިއަށް ގެންގޮސް، ކަމުގައި ބައިވެރިވި ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ގޮވާލައިފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގިނަ ބަޔަކަށް ނޭނގި ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް ވައްދާފައިވާ ކަމުގެ ތުހުމަތުތައް ފެންމަތިވީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. ހަމަ އެ ދުވަސްވަރު، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ ތެރެއިން، ވަގަށް ޕީއެންސީ ދަފްތަރަށް މެންބަރުން ވައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވޭ ފޮޓޯއެއް ވެސް ލީކުވި އެވެ.

މި މައްސަލަ ބޮޑުވެ، ފަހުން އީސީން ވަނީ ހަމައެކަނި އީފާސް މެދުވެރިކޮށް، އޮންލައިންކޮށް ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީ ވެވޭ ގޮތަށް ބަދަލުކޮށްފަ އެވެ.