މާލޭގެ އަމީނީމަގުގައި ހަލާކުވެފައިވާ ބައިތައް އަލުން މަރާމާތުކުރުމަށްފަހު، ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއިން މިއަދު ހެނދުނު ފަށައިފި އެވެ.

ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހިސާބަށް މަގުގެ ތާރުގަނޑު އުފުލި، ބޮޑެތި އަޑިގުޑަންތައް ހެދިފައިވާތީ އެ ބައި އެއްކޮށް ނަގައިގެން އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހު އެވެ.

މި މަސައްކަތަށް އެ ސަރަހައްދު ބަންދުކޮށް، މިދިޔަ ހަފްތާގައި ތާރުއަޅަން މީގެ ކުރިން ތައްޔާރުވި ނަމަވެސް، މޫސުން ގޯސްވެ ވާރޭވެހުމުގެ ސަބަބުން މަސައްކަތް މަޑުޖައްސާލަންޖެހުނު ކަމަށް އެމްޓީސީސީން ބުނެ އެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމަށް ކުރީގެ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން ޖުލައި 2022 ގައި ފެށި މަޝްރޫއުގެ އެންމެ ފަހު ބައި ނިންމައި ހުޅުވާލީ 2024 ވަނަ އަހަރު އެވެ.

ހަމައެއާއެކު ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި މި މަގުގެ ތާރުގަނޑު އެކި ހިސާބުތަކުން މައްޗަށް އުފުލި، ދުއްވާ މީހުންނަށް ނުރައްކާވާން ފެށުމުން މިދިޔަ އަހަރު ވެސް ބައެއް މަރާމާތުތައް ކުރަންޖެހުނެވެ. އަދި އޭރު އެ މަގު ހަދާފައި ވަނީ ފެންވަރު ދަށް މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ވެސް ކުރި އެވެ.