ކައްކާ ގޭހުގެ ވިޔަފާރި ހިންގުމަށްޓަކައި ގދ. ތިނަދޫން އުސޫލުތަކާ ހިލާފަށް ބިންތަކެއް ދޫކޮށް، ވަކި ބަޔަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމުގެ ތުހުމަތުގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ކުރީގެ ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އޭސީސީން ހާމަކުރި ގޮތުގައި މި ހަތަރު ބޭފުޅުންގެ މައްޗަށް ކުރުމަށް ނިންމާފައިވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލާގައި ދައުވާކުރުމަށް ފޮނުވަން ނިންމާފައިވަނީ މޭޔަރު ސައުދު އަލީގެ އިތުރުން ކުރީގެ ކައުންސިލަރުން ކަމަށްވާ އައިމިނަތު ނަސީމާ އާއި، އަހުމީމާ އަހުމަދު އަދި އައިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށެވެ.

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ކަންކަމަށް ބިން ދޫކުރުމުގެ ގަވާއިދު ބަޔާންކުރާ ގޮތުން، އާންމުކޮށް ބީލަމަށް ހުޅުވާނުލައި ސިނާއީ ނުވަތަ ވިޔަފާރި ބޭނުންތަކަށް ތިނަދޫން ބިން ދޫނުކުރެވޭނެ އެވެ. ނަމަވެސް، އަމިއްލަ ކުންފުންޏަކުން އެދުމުން އެ އުސޫލާ ހިލާފަށް ބިން ދޫކޮށްފައިވާކަން ތަހުގީގަށް ވަނީ ސާބިތުވެފަ އެވެ.

އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި، މި ބިން ދޫކުރުމަށް ނިންމާފައިވަނީ ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގަ އެވެ . އަދި އާންމުކޮށް އިއުލާނުކުރުމެއް ނެތި، އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމަށް ތިން ކައުންސިލަރުން ވަނީ ތާއީދުކުރައްވާފަ އެވެ.

މީގެ އިތުރުން، 1 ނޮވެމްބަރު 2023 ގައި އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން މޭޔަރު ސައުދު ސޮއިކުރައްވާފައިވާއިރު، ގަވާއިދާ ހިލާފަށް ދޫކުރަން ނިންމި އެއް ބިމުގެ އިތުރުން، 2000 އަކަފޫޓުގެ އިތުރު ތިން ބިން ވެސް ގަވާއިދާ ހިލާފަށް އެ ފަރާތަށް ދޫކޮށްފައިވާ ކަމަށް އޭސީސީން ބުނެ އެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ.

މި މައްސަލައިގެ އިތުރުން ވެސް، ތިނަދޫގެ އާބާދީގެ އަދަދު އޮޅުވާލައިގެން ސިޓީއެއްގެ ދަރަޖަ ހޯދުމަށް ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި ކަމަށް ބުނާ މައްސަލައެއްގައި ވެސް މޭޔަރު ސައުދުގެ މައްޗަށް ދައުލަތުން މިހާރު ވެސް ވަނީ ދައުވާ އުފުލާފަ އެވެ.

އެގޮތުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. އަދި ދޮގު މައުލޫމާތު ދިނުމުގެ ކުށް ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ގާނޫނު ބުނާ ގޮތުން އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖިނާއީ ހުކުމެއް އަތުވެއްޖެނަމަ މޭޔަރުކަމުގެ މަގާމު ގެއްލޭނެ އެވެ.