ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަކީ އަދުލުވެރި ބޭފުޅެއްނަމަ، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާކަން ހަނދާންކޮށްދެއްވާފަ އެވެ. އަދި ރައީސް މުއިއްޒުގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ މައްސަލަތައް ނުބަލައި ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފަ އެވެ.

"މުއިއްޒު ތީ އަދުލުވެރި މީހެއްނަމަ މުއިއްޒު ކައިރީ ތި ތިބަ ވައްކަންކުރާ މީހުންގެ މައްސަލަތައް ތަހުގީގު ކޮށްލަދީބަލާށޭ. މުއިއްޒު ނޫންތޯ ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ ބަލަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރި މައްސަލައަށް އަލިއަޅުއްވާލައްވަމުން ޔާމީން ވިދާޅުވީ، އެ ފަނޑިޔާރުން ހައްޔަރުކުރީ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރައްވަން މަސައްކަތް ކުރެއްވުމުން ކަމަށެވެ. އަދި އެ ވާހަކަތައް ރައީސް މުއިއްޒު މިއަދު ދައްކަވަނީ ހަގީގަތް އޮޅުވާލެއްވުމުގެ ބޭނުމުގައި ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"މުއިއްޒު އޭރު ހުރީކީ އެކަން ހިނގި ގޮތް އެނގޭ ފަދަ މަގާމެއްގައެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން، މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެމަނިކުފާނާ އެއްކޮޅަށް ހެކިބަސް ދެއްވާފައިވަނިކޮށް، ދައުލަތުން އަލުން ހެކިބަސް ނެގުމަށް މަސައްކަތް ކުރީ އެމަނިކުފާނާ ދެކޮޅަށް ހެކިބަހެއް ހޯދުމުގެ ބޭނުމުގައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެފަދަ ގޮތަކަށް އަލުން ހެކިބަސް ނުނެގޭނެ ކަމަށް ކޯޓުން ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތު ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.