އިޓަލީގެ ސްކޫލްތަކުގައި ބުރުގާއާއި މޫނުބުރުގާ އެޅުން މަނާކުރައްވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވައުދުވެވަޑައިގެންފި އެވެ. އަންނަ އަހަރު އޮންނަ އާންމު އިންތިހާބުގައި ހިޖުރަކުރުމުގެ މައްސަލައަކީ މައިގަނޑު މައުޟޫއަކަށް ވާނެކަމަށް ބެލެވޭއިރު، ސްކޫލް ކްލާސްތަކުގައި ތިބޭ ބޭރު ދަރިވަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށްވެސް މެލޯނީ ވަނީ ނިންމަވާފަ އެވެ.

މެލޯނީ މި ބަދަލުތައް ހާމަކުރެއްވީ އާދީއްތަ ދުވަހު އޭނާ ނިސްބަތްވެވަޑައިގަންނަވާ "ބްރަދާސް އޮފް އިޓަލީ" (އެފްޑީއައި) ޕާޓީގެ ޒުވާނުންގެ ގޮފީގެ ބައްދަލުވުމެއްގަ އެވެ. މީގެ އިތުރުން، އިޓަލީގެ ތައުލީމީ ނިޒާމަށް ހޭނުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާ ބޭރު ދަރިވަރުންގެ ބެލެނިވެރިންނަށް އިޓަލީ ބަސް ދަސްކޮށްދޭ ކްލާސްތަކުގައި ބައިވެރިވުން މަޖުބޫރުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރޯމްގައި ބޭއްވި ފެސްޓިވަލެއްގައި ވާހަކަދައްކަވަމުން މެލޯނީ ވިދާޅުވީ، އިޓަލީއަށް އައިސް އެގައުމުގައި މުސްތަގުބަލެއް ބިނާކުރަން ބޭނުންވާ ކޮންމެ މީހަކުވެސް އިޓަލީ ބަސް ދަސްކޮށް، އެގައުމުގެ ސަގާފަތް ދަނެގަނެ، ގަވާއިދުތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ. އަދި އެއީ އެމީހުންނަށް މަރުހަބާ ކިއުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރުން މި ބަދަލުތައް ފާސްކުރުމަށްފަހު، ގާނޫނަކަށް ވުމަށްޓަކައި 60 ދުވަހުގެ ތެރޭގައި ޕާލަމެންޓުގެ ރުހުން ހޯދަން ޖެހޭނެ އެވެ.

މެލޯނީގެ ސަރުކާރަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިޓަލީގައި އެންމެ ދިގު މުއްދަތަކަށް ދެމިއޮތް ސަރުކާރެވެ. ނަމަވެސް 2027 ވަނަ އަހަރު އޮންނަ އިންތިހާބުގައި "ނޭޝަނަލް ފިއުޗަ" (އެންއެފް) ޕާޓީގެ ފަރާތުން ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ. އެ ޕާޓީގެ މަގުބޫލުކަން ފާއިތުވި ފެބްރުއަރީ މަހުން ފެށިގެން ދަނީ އިތުރުވަމުންނެވެ. އެންއެފް ޕާޓީން ވަނީ މިދިޔަ ޖުލައި މަހު ސްކޫލްތަކުގައި މޫނުބުރުގާ އެޅުން ހުއްޓުވުމަށް ގޮވާލާފަ އެވެ.

މޫނު ނިވާކުރުމާ ބެހޭ ގާނޫނު

މިހާތަނަށް އިޓަލީގައި މޫނު ނިވާކުރުން ސީދާ މަނާކޮށްފައެއް ނުވެ އެވެ. ނަމަވެސް، 1975 ވަނަ އަހަރުގެ ގާނޫނެއްގެ ދަށުން، އެކަށީގެންވާ ސަބަބެއް ނެތި މީހާ ދެނެގަންނަން އުނދަގޫވާ ފަދަ ހެލްމެޓް ނުވަތަ ފޭރާން ބޭނުންކުރުން އޮންނަނީ މަނާކޮށްފަ އެވެ. 2008 ވަނަ އަހަރުގެ ނިންމުމެއްގައި ބަޔާންކޮށްފައިވަނީ، ދީނީ ނުވަތަ ސަގާފީ ސަބަބަކަށްޓަކައި މޫނު ނިވާކުރާ ފޭރާން ބޭނުންކުރެވިދާނެ ކަމަށާއި، ނަމަވެސް މީހާގެ ކޮންމެހެން ދެނެގަންނަންޖެހޭ ހާލަތްތަކުގައި މޫނު ދައްކަންވާނެ ކަމަށެވެ.

މެލޯނީގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ "ލީގު" ޕާޓީން ވަނީ، ކުޅިވަރުގެ ހަރަކާތްތަކާއި އަޅުކަންކުރާ ތަންތަން ފަދަ ހާއްސަ ހާލަތްތަކުގައި ފިޔަވައި، އެހެން ހާލަތްތަކުގައި މޫނު ނިވާކުރާ ފޭރާން ބޭނުންކުރުން މަނާކުރުމަށް މި އަހަރުގެ ކުރީކޮޅު ބިލެއް ހުށަހަޅާފަ އެވެ.

މޫނުބުރުގާ މަނާކުރުމުގެ އިތުރުން، މެލޯނީ ވިދާޅުވީ ކްލާސްތަކުގައި ހިމެނޭ ބޭރު ދަރިވަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ގާނޫނެއް އެކުލަވާލައްވާނެ ކަމަށެވެ. ނަމަވެސް، އިޓަލީގެ މިހާރުގެ ގާނޫނުގެ ދަށުންވެސް ކްލާހެއްގައި ނުވަތަ ސްކޫލެއްގައި ބޭރު ދަރިވަރުންގެ އަދަދު 30 އިންސައްތައަށްވުރެ އިތުރުވުން ވަނީ މަނާކޮށްފަ އެވެ. އެހެންކަމުން، މި ގަވާއިދަށް ގެންނަވާނީ ކޮން ބަދަލެއްކަން މެލޯނީ ތަފްސީލުކޮށްދެއްވާފައެއް ނުވެ އެވެ.

މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިޓަލީގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް 12 އިންސައްތައަކީ ބޭރު ގައުމުތަކުގެ ދަރިވަރުންނެވެ.