ގދ. ތިނަދޫގައި އަލަށް ރަޖިސްޓްރީވާ ތުއްތު ކުދިންނަށް މާލީ އެހީ ފޯރުކޮށްދޭން އެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

އެ ކައުންސިލުން މިއަދު އާންމުކުރި "އަލަށް އުފަންވެ، ތިނަދޫ ސިޓީގައި ރަޖިސްޓްރީކުރާ ކޮންމެ ކުއްޖަކަށް އިނާމެއް ކަނޑައެޅުމުގެ އުސޫލު" ގައި ބުނެފައި ވަނީ، އަލަށް އުފަންވާ ކުދިންނަށް މާލީ އެހީ ދޭން ނިންމީ ތިނަދޫގެ އާބާދީ އިތުރުކުރުމަށާއި، މުޅި ރާއްޖޭގެ އާބާދީ ނިސްބަތުން ދަށްވަމުންދާތީ ޒުވާން އާއިލާތަކަށް ހިތްވަރުދީ ވިހެއުމުގެ ރޭޓު މަތިކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

އެންމެ ފަހަރަކު ދޭ މި މާލީ އެހީ ދިނުމަށް ހަމަޖެހިފައި ވަނީ ތިނަދޫގައި އުފަންވެ އެ ސިޓީގައި ރަޖިސްޓްރީވާ ކުދިންނަށާއި، އެހެން ތަނެއްގައި އުފަންވި ނަމަވެސް ފުރަތަމަ ރަޖިސްޓްރީކުރާ ތަނަކީ ތިނަދޫ ސިޓީ ކަމުގައިވާ ނަމަ އެވެ.

މި އެހީ ދެނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ތިނަދޫ ރަށްވެހިންނަށް ލިބޭ ކުދިން ހިމެނޭ "ކެޓަގަރީ އޭ" އަށް 1،500 ރުފިޔާ ކަނޑައަޅާފައި ވާއިރު، އެހެން ރަށެއްގެ މައިންބަފައިންނަށް ލިބި ތިނަދޫގައި ރަޖިސްޓްރީކުރާ ކުދިން ހިމެނޭ "ކެޓަގަރީ ބީ" އަށް ކަނޑައަޅާފައިވަނީ 2،000 ރުފިޔާ އެވެ.

މި އުސޫލުގެ ދަށުން ކުއްޖާ ރަޖިސްޓްރީވި ކަމަށް ބަލާނީ އައިޑީކާޑު ހެއްދުމުންނެވެ. އަދި ކުއްޖާ ރަޖިސްޓްރީވާތާ އެއް މަސްދުވަހުގެ ތެރޭގައި ސިޓީ ކައުންސިލުގެ އެހީ ހޯދުމަށް ހުށަހަޅަންޖެހޭނެ އެވެ. އެހީ ދިނުމުގައި ކުއްޖާގެ މަންމަ ނުވަތަ ބައްޕައަކީ ތިނަދޫގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވާންޖެހޭނެ އެވެ. ނަމަވެސް މައިންބަފައިންނަކީ އެ ސިޓީގެ ބަޔަކަށް ނުވިނަމަވެސް، ކުއްޖާގެ ފުރަތަމަ ރަޖިސްޓްރީ ތިނަދޫގައި ކޮށްފިނަމަ މި އެހީ ލިބޭނެ އެވެ.