މާލޭ ކައިރީގައި އަޅާފައި އޮތް ދެ ބޯޓު އޮޔާގޮސް ސިނަމާލޭ ބްރިޖުގައި ޖެހުނު މައްސަލާގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާފައިވޭތޯ ބެލުމުގެ މަސައްކަތް އަމިއްލައަށް އިސްނަގައިގެން ފަށާފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނެފި އެވެ.

އެންއައިސީން ނެރުނު ބަޔާނެއްގައި ބުނީ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް އެ ދެ ބޯޓު އޮޔާގޮސް ސިނަމާލޭ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާއާ ގުޅިގެން، އެ އިދާރާއިން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފުވެފައިވޭތޯ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މާލެއާއި ދޫނިދޫއާ ދެމެދު އަޅާފައި އޮތް ދެ ބޯޓު، އައި ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން ގޮސް އޮޔާދިއުމުގެ ސަބަބުންނެވެ. އޮޔާ ގެންގޮސް އެ ދެ ބޯޓު އެންމެ ފުރަތަމަ އުރުނީ މާލޭ ކާނިވާ ސަރަހައްދުގެ ބޭރުން ފަރުމައްޗަށެވެ. އޭގެ ފަހުން، ބޯޓުތައް އޮޔާގޮސް ސިނަމާލެ ބްރިޖުގައި ވެސް ޖެހުނެވެ.

އައިއެމްއޯ ނަންބަރެއް ރަސްމީކޮށް ދޫކޮށްފައި ނުވާ "އޭއެލް 1" ނަމަކަށް ކިޔާ ބޯޓަކާއި ޓޯގޯގައި ރަޖިސްޓްރީކޮށްފައިވާ "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ. އޮމާނުން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރި އެ ދެ ބޯޓު، މާލެ ކައިރީގައި އެއްވެސް ފަރާތަކަށް އެނގުމެއް ނެތި ހަފުތާއެއްހާ ދުވަހު އަޅާފައި އޮއްވައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް ފާހަގަކުރެވުނީ މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހު އެވެ.

މި ހާދިސާއާ ގުޅިގެން ބްރިޖު ބަލަހައްޓާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީގެ އިންޖިނިއަރުން ވަނީ ބްރިޖަށް ލިބުނު ގެއްލުންތައް ބަލައި އިންސްޕެކްޓްކޮށްފަ އެވެ. ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، ބްރިޖުގެ ސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބްރިޖުގެ ބޭރުފުށުން ކޫރުންތަކެއް އެޅިފައިވާކަން ވިދާޅުވި އެވެ.