އިންޑިއާގެ މަޝްހޫރު އެކްޓަރު އައްލޫ އަރުޖުން އާއި ކާމިޔާބު ޑައިރެކްޓަރު އެޓްލީ ގުޅިގެން އުފައްދާ ފިލްމު "ރާކާ" އިން ބައިނަލްއަގުވާމީ ބޮޑު ކާމިޔާބީއެއް ހޯދައި، ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ.

މި ފިލްމަށް އެ ރެކޯޑު ލިބިފައިވަނީ އެއްފަހަރާ އެންމެ ގިނަ މީހުންގެ "ރިއަލް-ޓައިމް މޯޝަން ކެޕްޗާ" ނަގައިގެންނެވެ. އެގޮތުން، އެއް ޝޫޓިން ސެޝަނެއްގައި އެއްފަހަރާ 37 އާޓިސްޓުންގެ މޯޝަން ކެޕްޗާ ވަނީ ރިއަލް-ޓައިމްކޮށް ރެކޯޑު ކޮށްފަ އެވެ.

މި ރެކޯޑު ގާއިމުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އަދި ގިނަސް ވޯލްޑް ރެކޯޑްސްގެ ފަރާތުން މިއަހަރުގެ ސެޕްޓެމްބަރު 15 ގައި ވަނީ މި ކާމިޔާބީ ރަސްމީކޮށް ސެޓިފައި ކޮށްފަ އެވެ.

ގިނަސްގެ ސީނިއާ އޮފިސަރެއް ކަމަށްވާ ސުވަޕްނިލް ދަންގްރީކަރު ވަނީ މި ރެކޯޑުގެ ސެޓިފިކެޓް ފިލްމުގެ މައި އެކްޓަރު އައްލޫ އަރުޖުން އާއި ޑައިރެކްޓަރު އެޓްލީއާ ހަވާލު ކޮށްފަ އެވެ.

މި މޯޝަން ކެޕްޗާ ސެޝަނުގައި ހަތަރު އަހަރުގެ ކުޑަކުއްޖަކުން ފެށިގެން 70 އަހަރުގެ އުމުރުން ދުވަސްވީ މީހުން ހިމެނޭހެން ތަފާތު އުމުރުފުރާގެ 37 މީހުން ބައިވެރިވި އެވެ. މި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ފިލްމުގެ ވީއެފްއެކްސް ޓީމުން ވަނީ ހާއްސަ ޓެކްނިކަލް ސިސްޓަމެއް އެކުލަވާލައި، 92 އޮޕްޓިކަލް މޯޝަން ކެޕްޗާ ކެމެރާއާއި، އަދި އަންރިއަލް އެންޖިން މެދުވެރިކޮށް ރިއަލް-ޓައިމްކޮށް މަންޒަރުތައް ބަލައިގަންނަ ނިޒާމުތައް ބޭނުން ކޮށްފަ އެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަ ދައްކަމުން އައްލޫ އަރުޖުން ބުނީ، ސިނަމާގެ އިމުގެ ތެރެއިން އާ އުސްމިންތަކަކަށް ވާސިލުވެ، ދުނިޔޭގެ ފެންވަރުގެ ރެކޯޑެއް ހޯދުމަކީ މުޅި ޓީމަށް ލިބުނު ފަހުރެއް ކަމަށެވެ. ޑައިރެކްޓަރު އެޓްލީގެ ތަސައްވުރާއި ސަން ޕިކްޗާސްއިން ދިން އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ޑައިރެކްޓަރު އެޓްލީ ބުނީ ކުޑައިރުއްސުރެ ގިނަސް ރެކޯޑުގެ ވާހަކަތައް އަޑުއަހަމުން އައި ނަމަވެސް، އަމިއްލަ ފިލްމަކުން މިފަދަ ރެކޯޑެއް ލިބޭނެ ކަމަށް ދުވަހަކުވެސް އުއްމީދުނުކުރާ ކަމަށެވެ. ބޮޑެތި ހުވަފެންތައް ދެކެ، އެކުގައި ގުޅިގެން މަސައްކަތް ކޮށްފިނަމަ ނުކުރެވޭނެ ކަމެއް ނޯންނާނެކަން މިކަމުން ސާބިތުވެއްޖެ ކަމަށް އޭނާ ބުންޏެވެ.

ސަން ޕިކްޗާސްގެ ކަލާނިތީ މާރަން އުފައްދާ "ރާކާ"އަކީ ބޮޑު ބަޖެޓަކުން ތައްޔާރުކުރާ، ޓެކްނޮލޮޖީގެ ގޮތުން އިންޑިއާގެ ސިނަމާއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ފިލްމެކެވެ.