ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާތައް ކްރިމިނަލް ކޯޓުގައި ސާބިތުނުވުމުން، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކޮށް ދޫކޮށްލީ ކުށް ސާބިތުކުރެވޭނެ ގާނޫނީ ސަބަބުތަކެއް ނެތުމުން ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފި އެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ހިއްސާ އޮންނަ އެ ދެ ކުންފުންޏާ ދެކޮޅަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ސެޕްޓެމްބަރު 2025 ގައެވެ. ނަމަވެސް އެ ހުކުމް އިއްވިއިރު ކޯޓުގެ އާންމު ތާވަލުގައި އެ އަޑުއެހުން ހިމަނާފައެއް ނުވެ އެވެ.

މި މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެ، އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް މައްސަލައިގެ އެއްވެސް މައުލޫމާތެއް ޕީޖީ އޮފީހުން އިސްވެ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ދައުރު' ނޫހުން ސުވާލު ކުރުމުން ޕީޖީ އޮފީހުން ބުނީ، ދަށު ކޯޓުގެ ނިންމުން ބަދަލުކުރެވޭނެ ފަދަ ގާނޫނީ ސަބަބުތަކެއް ހުރި ކަމަށް ނުފެންނާތީ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމީ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ސަންގެ ދެ ކުންފުނީގެ ޝަރީއަތް ފުރަތަމަ އެކުގައި ކުރިއަށް ގެންދިޔަ ނަމަވެސް، ފަހުން ކޯޓުން ވަނީ އެ މައްސަލަތައް ވަކިވަކިން ބަލަން ނިންމާފަ އެވެ. އެގޮތުން ޖޫން 2025 ގައި ސަންގެ ދެ ކުންފުނީގެ އަޑުއެހުންތައް ނިންމާލުމަށް ފަހު ހުކުމް ކުރި ނަމަވެސް، އެ ތާވަލު އާންމުކޮށް ފެންނަން ނެތީ އިދާރީ އޮޅުމަކުން ކަމަށް ކްރިމިނަލް ކޯޓުގެ އޮފިޝަލަކު އޭރު ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ހިމެނޭ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ޝަރީއަތް ލަސްވާތީ ދައުލަތުން ވަނީ ކުރިން އަނބުރާ ގެންގޮސްފަ އެވެ.

މިހާރު މި މައްސަލައިގައި ޝަރުއީ މަރުހަލާގައި ކުރިއަށްދަނީ ރައީސް ޔާމީންގެ ބައި އެކަންޏެވެ. އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހަފުތާގައި ތާވަލުކުރި ނަމަވެސް، ދައުލަތުގެ ވަކީލަކު ކުއްލި ސިއްހީ ސަބަބަކާ ހުރެ ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހުމުން އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.