މައްކާއަށް އަމާޒުކޮށް، މިސައިލް ނުވަތަ ޑްރޯން ހަމަލާއެއް އަތުވެދާނެކަމުގެ ބިރުއޮތް ކަމަށް ބުނެ ސައޫދީ ސިވިލް ޑިފެންސުން ބުރާސްފަތި ދުވަހު ކުއްލި އިންޒާރުތަކެއް ނެރެފި އެވެ.

ނޭޝަނަލް އާލީ ވޯނިން ޕްލެޓްފޯމުން މައްކާ ސިޓީއަށް ނެރުނު މި އިންޒާރުގައި ބުނެފައިވަނީ، ނުރައްކަލެއް ކުރިމަތިވެދާނެތީ އެކަމަށް ސަމާލުވުމަށެވެ. މީގެ އިތުރުން ރަތްކަނޑުގެ އައްސޭރީގައި އޮންނަ ޔަންބޫއާއި، ތާއިފް، ޖިއްދާ އަދި ތަބޫކް ސަރަހައްދުތަކަށް ވެސް ވަނީ ވަކިވަކި އިންޒާރުތައް ނެރެފަ އެވެ.

މި އިންޒާރުތައް ނެރުނުތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި ވަނީ އަނބުރާ ގެންގޮސްފަ އެވެ. ފަހަކަށް އައިސް މިފަދަ އިންޒާރުތައް ނެރެނީ ޔަމަނުގެ ހޫތީން ދޭ ހަމަލާތަކާ ގުޅިގެން ކަމަށް ސައުދީން ބުނެ އެވެ. ނަމަވެސް އެ ޖަމާއަތުން ވަނީ މައްކާއަށް ހަމަލާ ދޭ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.

ޔަމަނުގެ ލެޖިޓިމަސީއަށް ތާއީދުކުރާ ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރްކީ އަލް މާލިކީ ބުރާސްފަތި ދުވަހުގެ ފަހުގެ ވަގުތެއްގައި ވިދާޅުވި ގޮތުގައި، ހޫތީން ފޮނުވާލި ހަ ބެލިސްޓިކް މިސައިލެއް ސައޫދީ އަރަބިއްޔާއިން ވަނީ ހުއްޓުވާފަ އެވެ.

އަދި ހޫތީންގެ މިފަދަ އުދުވާނީ އަމަލުތަކާއި ހަމަލާތަކަށް ވަރުގަދަ ރައްދުތަކެއް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.