ރާއްޖޭގައި ހަރަކާތެރިވާ ހަރުކަށި ފިކުރުގެ ބޮޑެއް ހައްޔަރު ކުރުމަށް ކަމަށް ބުނެ ފުލުހުން ނުބައި ގެއަކަށް ވަން މައްސަލަ ފެންމަތިވެއްޖެ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރުމަށް ހާއްސަ އޮޕަރޭޝަނެއް އަންނަނީ ހިންގަމުންނެވެ.

އެގޮތުން ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަރުކަށި ފިކުރުގެ ބޮޑެއް ދިރިއުޅޭ ގެއެއް ކަމަށް ބުނެ ވަދެފައިވަނި ބުނައި ގެއަކަށެވެ. އެގެއަކަށް ފުލުހުން ވަދުމުގައި އަމަލުކުރި ގޮތާ މެދުގައި ހިތްހަމަނުޖެހުން ފާޅުކުރަމުން އެގޭގެ ދިރިއުޅޭ ފަރާތުން ފޭސްބުކުގައި ބުނެފައިވަނި އެގެއަށް ފުލުހުން ވަނުމަށް ދިޔައީ ކޯޓް އަމުރެއް ވެސް ނެތި ކަމަށެވެ. އަދި އެމީހުން ތިބީ މޫނު ނިމާކޮށްގެން ކަމަށާއި އެއީ ފުލުހުންކަން ޔަގީން ކުރާނެ ގޮތެއް ނެތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އަދި ފުލުހުން ގެއަކަށް ވަންނަ އިރު ވަދެވެނީ ރަނގަޅު ގެއަށް ކަމަށް ބަލަންޖެހޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި މި ހިނގާދިޔަ ކަންކަމުގައި އިންސާފު ބޭނުންވާ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

އެ ހާދިސާގެ ތަފްސީލު ފޭސްބުކްގައި އިތުރަށް ދެމުން އެމީހާ ބުނެފައިވަނީ ފުލުހުން އެގެއަށް ވަންނަން އުޅުމުން އަންހެނުން ބުރުގާ އެޅެންދެން މަޑުކޮށްލާށޭ ބުނުމުން ވެސް ނުކުރި ކަމަށެވެ. އަދި ފުލުހުން ވަދެ އަމަލު ކުރި ގޮތުން އެ ދެމަފިރިންގެ ހަތް އަހަރުގެ ދަރިފުޅު ވެސް ހުރީ ހުއްޓުން އަރާފައި ކަމަށް އޭނާ ބުންޏެވެ.

އަދި ގެއަށް ވަދެފައި ވަނީ ގޭގައި ހަރުކަށި ފިކުރުގެ މީހެއް އުޅެނީއޭ ކިޔާފައި ކަމަށާއި ފަހުން ފުލުހުން މާފަށް އެދުނު ކަމަށެވެ.

"އަންހެނުން ބުރުގާ ނާޅާ ހުއްޓާ ހުސް ފިރިހެނުންތަކެއް އައިސް ވައްދާލިއިރު މަގޭ އަންހެނުންގެ އަބުރާ އިއްޒަތް ކޮބާ،" އޭނާ ބުނެފައިވެ އެވެ.

އެގޮތަށް އެކަން ހިނގާފައިވާ ކަމަށާއި މާދަމާ އެފަދަ ބަޔަކު އެހެން ގެއަކަށް ވަދެ އެހެން އަންހެނެއްގެ އިއްފަތްތެރިކަން ފޭރިގަންނާނީ ކޮށްއިރަކު ކަމެއް ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެހާދިސާ ހިނގިއިރު ގޭގައި ހުރި އަންހެން މީހާ ފޭސްބުކުގައި ބުނެފައި ވަނީ ފުލުހުންގެ ޒިންމާއަކީ މުޖުތަމައުގައި ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވާއިރު ގެއަށް ވަންނަ މަސައްކަތް ކުރި ފުލުހުންގެ ކިބައިން އެ މަންޒަރު ނުފެންނަ ކަމަށެވެ. އެންމެ މިނެޓަކަށް މަޑުކުރުމަށް އެދުމުން ވެސް އެކަން ފުލުހުންނަކަށް ނުކުރެވުނު ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ. މައުލޫމާތެއް ލިބިގެން ތަނެއް ބަލާ ފާސްކުރަން ދާއިރު އެތަނަކާ ބެހޭ ގޮތުން ރަނގަޅު މާއުލޫމާތު ހޯދުމަށް ވެސް އޭނާ ވަނީ ފުލުހުންގެ ކިބައި އެދިފަ އެވެ.

މިކަމާއި ގުޅިގެން ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުން ސީދާ ޖަވާބެއް ދީފައި ނުވެ އެވެ. އެހެން ނަމަވެސް ފުލުހުން އެ އެޕާޓްމެންޓަށް ވަދެ ހަރަކާތްތެރިވިތަން ބައެއް ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއަށް ފަހު ފުލުހުން ދަނީ މިދުވަސްކޮޅު މިފަދަ ގިނަ އޮޕަރޭޝަންތައް ހިންގަމުންނެވެ މިގޮތުން ރޭ ވެސް މާލެއިން 49 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން އައްޑޫއިން ވެސް ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ.

ސަލާމަތީ ބާރުތަކުގެ އިންޓަލިޖެންސް ފެއިލް ވެފައިވާ ކަމަށް ގިނަ ރައްޔިތުން ބުނަމުން އަންނައިރު މިހާދިސާއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑުކިޔަމުނެވެ. އަދި ތުބުޅި ލާފައިތިބޭ އެންމެން ހަރުކަށި ފިކުރުގެ ބަޔަކަށް ހަދާ ހައްޔަރު ކުރާނެ ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.