ހޮލީވުޑްގައި އެންމެ ގަދައަށް ދެކެވޭ އަދި އެންމެ ގިނައިން ކުރެވޭ އެއް ސުވާލަކީ މަޝްހޫރު ސިއްރު އެޖެންޓް "ޖޭމްސް ބޮންޑް" (007)ގެ ރޯލަށް ޑެނިއެލް ކްރެއިގްގެ ފަހުން ދެން އަންނާނީ ކޮން ތަރިއެއްތޯ ކުރެވޭ ސުވާލެވެ.

މިހާރު ފެންމަތި ވަމުން އަންނަ ރިޕޯޓުތައް ބުނާގޮތުން، މި މަގުބޫލު ކެރެކްޓާއަށް އެކްޓަރުން ހޮވުމުގެ އެންމެ ފަހުގެ ސްކްރީނިން ޓެސްޓުތައް މިހާރު ވަނީ ފަށާފަ އެވެ.

މި ރޯލަށް އެންމެ ގާތް ތިން އެކްޓަރެއްގެ ނަން މިހާރު ވަނީ ފައިނަލް ލިސްޓުގައި ހިމެނިފަ އެވެ. އެގޮތުން، މި ރޯލަށް އެންމެ ގަދަޔަށް ވާދަކުރާ ފަރާތްތަކަކީ

ކެލަމް ޓާނާ

އިނގިރޭސި އެކްޓަރެއް ކަމަށްވާ ކެލަމް ޓާނާކީ މި ރޯލަށް އެންމެ ބޮޑަށް ނަން ކިޔޭ އެއް ތަރި އެވެ. "ފެންޓާސްޓިކް ބީސްޓްސް" ފިލްމު ސީީރީޒްގެ އިތުރުން އެޕަލް ޓީވީގެ ވޯލްޑް ވޯ II މިނީ ސީރީޒް "މާސްޓާސް އޮފް ދި އެއާ"އިން ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ޓާނާއަކީ މި ރޯލަށް އެކަށޭނަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ތަރިއެކެވެ.

ޖެކް ލޯޑެން

ސްކޮޓްލެންޑަށް ނިސްބަތްވާ ޖެކް ލޯޑެން ވަނީ އެޕަލް ޓީވީގެ ސްޕައި ޑްރާމާ "ސޯލޯ ހޯސަސް"ގެ އިތުރުން "ޑަންކާކް" ފަދަ މަޝްހޫރު ފިލްމުތަކުން މޮޅު އެކްޓިންއެއް ދައްކާފަ އެވެ. ޖާސޫސީ ރޯލުތަކަށް އޭނާގެ ހުރި ގާބިލުކަމުގެ ސަބަބުން މި ރޯލުގެ ރޭހުގައި އޭނާގެ ނަން ވަރަށް ކުރީގައި އުޅެ އެވެ.

ޖޯޝް އޯ ކޮނާ

ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ދަ ކްރައުން"ގައި ޕްރިންސް ޗާލްސްގެ ރޯލުން ފެނިގެންދިޔަ، އަދި އެމީ އެވޯޑު ކާމިޔާބު ކޮށްފައިވާ އިނގިރޭސި އެކްޓަރު ޖޯޝް އޯ ކޮނާއަކީ ވެސް މި ލިސްޓުގައި ހިމެނޭ ވަރަށް މުހިންމު ނަމެކެވެ. އޭނާ ވަނީ "ޗެލެންޖާސް" ފަދަ ފިލްމުތަކުން ވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފަ އެވެ.

ޑިއުން ޓްރިލޮޖީގެ މަޝްހޫރު ޑައިރެކްޓަރު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ އާ ބޮންޑް ފިލްމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ފިލްމުގެ ލީޑުން ފެންނާނެ ތަރިއެއް ރަސްމީކޮށް އަދި ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

ކުރިން އަޑު ފެތުރިފައިވާ ޖޭކް އެލޯޑީ ފަދަ ބައެއް ތަރިން މިހާރު ސްކްރީނިން ޓެސްޓުތަކުގައި ނުހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.