މިއަދު ހެނދުނު ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާނުގެ ހާދިސާގައި 18 މީހަކަށް ދުމުގެ އަސަރުކޮށް ފަރުވާދޭން ފަށައިފި އެވެ.

ހާދިސާގައި އަނިޔާވި 18 މީހުންނަށް ދުމުގެ އަސަރުކުރުމުގެ އިތުރުން ބައެއް މީހުންނަށް ކުދި އަނިޔާތައްވެސް ލިބިފައިވާ ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ވަނީ "ހުރިހާ" އަށް ބުނެފަ އެވެ.

ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ހުރި 4 ގެޔަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ.

ރޯވެފައިވާ އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު، މި ހާދިސާގައި 1 ގެއެއް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. ކައިރީގައި ހުރި އިތުރު 3 ގެއަކަށް ވެސް ވަނީ އަލިފާނުގެ ސަބަބުނަ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.

ހާދިސާ ހިނގި ސަރަހައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ހުރި ގޭގޭގެ މީހުން ވަނީ ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައި ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.

މި ހާދިސާގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ބައެއް ފަރާތްތަކަށް މިހާރު ދަނީ ފުނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

"ހާލަތު އިތުރަށް ބަލައި މޮނީޓާ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށް ފުނަދޫ ކައުންސިލުން މައުލޫމާތު ދެއްވާ. މި ހާދިސާގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދެންޖެހޭ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަ މި އޮތޯރިޓީން ދަނީ ކުރަމުން" އެންޑީއެމްއޭ އިން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުން ވަނީ، އޯޕީޑީގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފަ އެވެ. އަދި މިވަގުތު ހޮސްޕިޓަލުން ހިދުމަތްދެމުން ގެންދާނީ ހަމައެކަނި ކުއްލި ފަރުވާ ބޭނުންވާ އިމަޖެންސީ ހާލަތްތަކަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ އަންގާފަ އެވެ.