އޭޑީކޭ ހޮސްޕިޓަލުގެ ފާހާނާއެއް ތެރެއިން ފިސްތޯލައެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ދަނިކޮށް ހޮސްޕިޓަލުގެ ފާހާނާއެއް ތެރެއިން ފިސްތޯލައެއް ފެނުނު މައްސަލަ ފެންމަތިވެއްޖެ އެވެ.
އެ ފިސްތޯލު ފެނިފައި ވަނީ ހޮސްޕިޓަލުގެ މުވައްޒަފަކަށެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތު މިއަދުގެ ޕްރެސްއަށް ނުގެންނަވާ ކަމަށެވެ. ނަމަވެސް އެކަން ބަޝީރު ދޮގު ނުކުރައްވައި ވިދާޅުވީ އެކަމުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކޮށްދޭނެ ކަމަށެވެ.
އޭޑިކޭ ހޮސްޕިޓަލުން ފިސްތޯލެއް ފެނުނު މައްސަލައާ ގުޅިގެން ފުލުހުންނާއި ސިފައިން ޖަވާބެއް ނުދެއްވަ އެވެ.
ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ހަރުކަށި ފިކުރުގެ މީހުންނެވެ. އަދި އައްޑޫ ސިޓީ އިން ވެސް ވަނީ ހަރުކަށި ފިކުރުގެ ނުވަ މީހުން ހައްޔަރުކޮށްފަ އެވެ. އެ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ އެކަކު ވަނީ ރައްޔިތުންގެ މަޖިލިސް ގޮއްވާލަން މަސައްކަތްކޮށްފަ އެވެ، އެކަން ފެއިލްކޮށްލީ ޕޮލިސް އިންޓެލިޖެންސް އިންނެވެ.