ތަފާތު އެކި ބަހަނާތައް ދައްކައި ސަނީ އުމަރަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކެންސަލްކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.
އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ ކްރިމިނަލް ކޯޓުގައި މައްސަލަ ޝެޑިއުލްކުރުމަށްފަހު ކޮންމެވެސް ބަހަނާއެއް ދައްކައި އަޑުއެހުން ކެންސަލްކުރަމުން އަންނަ ކަމަށާއި މިއީ ގަސްތުގައި ކުރާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
"ތިބޭފުޅުން ބައްލަވާ ކޮން ދުވަހެއްތޯ އޭނައަށް ދައުވާކުރިތާ. ގާޒީންނަށް ބޮޑު މުސާރަ ދީފަ އެތިބެނީ. ޝަރީއަތްކުރާނެ ވަސީލަތްތައް ފޯރުކޮށްދީފައި ވަނީ، އެކަމަކު މައްސަލަ ކުރިއަށްގެންދެވޭ ގޮތެއް ނުވޭ،" އޭނާ ކިޔައިދިނެވެ.
ސަނީ އުމަރުގެ ގާނޫނީ ވަކީލުންނަށް ދުވަހަކު ވެސް ކޯޓަށް ހާޒިރުވެވޭ ކަމަކަށްނުވާ ކަމަށާއި މިކަމުގައި ނުފޫދުގަދަ ފަރާތެއްގެ އަތެއްވާކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.
ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ސަނީ އުމަރުގެ މައްޗަށް ދައުވާ އުފުލީ ފިރިހެން ކުއްޖެއްގެ އުމުރުން ހަތް އަހަރު ފުރުމުގެ ކުރިން ފެށިގެން އޮގަސްޓު، 2025 އާ ހަމައަށް އެކިދުވަސް މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ އެވެ.
ދެވަނައަށް އުފުލީ އަންހެން ކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އެ ކުއްޖާ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާ ކަމަށް ތުހުމަތުކޮށެވެ. އަދި ތިންވަނަ އަށް އުފުލާފައިވަނީ ވެސް އަންހެން ކުއްޖެއްގެ އުމުރުން ނުވަ ނުވަތަ 10 އަހަރުގައި އެ ކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި ކަމަށް ތުހުމަތުކޮށް ކަމަށް ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ގޭތެރޭގެ ކަންކަމާ ޝަކުވާ ކުރުމުގެ ހުއްދައެއް ނޯވޭ: ޝާހްރުކް ޚާން
ޕެންޝަން ފަންޑު 30 ބިލިއަން ރުފިޔާއަށް އަރައިފި
ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން މަޝްވަރާ ކުރަނީ
