ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޭ 330 ފްލީޓުގެ ލައިން ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ކެޕްޓަން ނީވިލް ދިންޝޯ ބިކާޖީއާ މެދު ސަލާމަތީ ގޮތުން ނުރައްކާތެރި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވި، އޭނާ އާމެދު އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފި އެވެ.
ދުއްވުމުގެ ހުއްދައާ ގުޅޭ މައްސަލަތަކާއި، ވަޒީފާއިން ވަކިކުރުމުގެ މާޒީއެއް އޮތް ބިކާޖީ މޯލްޑިވިއަންގެ ވަޒީފާއަށް ނުކުމެފައި ވަނީ ޕައިލެޓުކަން ނުކުރާތާ ގާތްގަނޑަކަށް ފަސް އަހަރު ދުވަސް ހޭދަވުމަށްފަހު، ޑިސެމްބަރު 2024 ގައި ކަމަށް ވެ އެވެ. އޭނާ އެންމެ ފަހުން ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ ޖޫން 2020 ގައި ގަތަރު އެއާވޭސްއިން އޭނާ ވަކިކުރުމާ ހަމައަށެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ޖެޓްސްޓާ ޖަޕާނުން ވެސް އޭނާ ވަކިކޮށްފައިވާއިރު، 2020 އިން 2025 އަށް އިންޑިއާގެ އޭވިއޭޝަން އޮތޯރިޓީން ވަނީ އޭނާގެ އިންޑިއާ ލައިސަންސް އާ ކޮށްދިނުމަށް އިންކާރުކޮށްފަ އެވެ.
އޭނާގެ ލައިސަންސް ދޫކޮށްފައިވާ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން މިހާރު އަންނަނީ އޭނާގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެގޮތުން 23 ސެޕްޓެމްބަރު 2026 ގައި އެފްއޭއޭއިން ވަނީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ބިކާޖީއާ ގުޅޭ ގޮތުން ރަސްމީ އިންޒާރެއް ފޮނުވާފަ އެވެ. އަދި ފްލައި ދުބާއީގެ ހާދިސާއަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަހުގެ އަށް ވަނަ ދުވަހު އެފްއޭއޭއިން ވަނީ ދެވަނަ އިންޒާރެއް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރަށާއި ލީގަލް ކައުންސިލަށް ސީދާ ފޮނުވާފައިވާ ކަން ވެސް އެނގިފައިވެ އެވެ.
ބޭރުގެ އިދާރާތަކުގެ އިންޒާރުތަކުގެ އިތުރުން، މޯލްޑިވިއަންގެ އެހެން ޕައިލެޓުން ވެސް ވަނީ ބިކާޖީގެ އޮޕަރޭޝަނަލް ސޭފްޓީއާ މެދު ކަންބޮޑުވުން ފާޅުކޮށް މެނޭޖްމަންޓަށް ރިޕޯޓުކޮށްފަ އެވެ. އަދި ހުޅުލެ އައިލެންޑް ހޯޓެލް (އެޗްއައިއެޗް) ގައި މަސްތުގެ ހާލަތުގައި ހުރެ އާންމުންނަށް އުނދަގޫވާ ގޮތަށް އަމަލުކުރުމުގެ ސަބަބުން ފުލުހުން އެކި ފަހަރު މަތިން އޭނާއާ ކުރިމަތިލާފައިވާ ކަމުގެ ރިޕޯޓުތައް ވެސް ވަނީ އާންމުވެފަ އެވެ.
މި މައްސަލައާ ގުޅިގެން މިހާރު ގިނަ ބަޔަކު ސުވާލު އުފައްދަނީ، މިފަދަ ގިނަ މައްސަލަތަކަކާއި އެފްއޭއޭގެ އިންޒާރުތައް ލިބިފައިވާއިރު ވެސް، ބިކާޖީއަށް މޯލްޑިވިއަންގައި ކެޕްޓަންކަން ކުރުމުގެ ފުރުސަތު ދީފައި ވަނީ ކީއްވެގެންތޯ އެވެ. އެހެންކަމުން، އެއާލައިންގެ ސަލާމަތީ މިންގަނޑުތައް ހިފަހައްޓައި، ނުރައްކާތެރި ހާދިސާއެއް ދިމާވިޔަ ނުދިނުމަށްޓަކައި، މި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގައި، އޭނާއާއެކު އެއާލައިނާ ގުޅުނު އެހެން ޕައިލެޓުންގެ ބަސް ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފަ އެވެ.
ބަހަނާ ދައްކައި ސަނީ އުމަރުގެ މައްސަލަ ކޯޓުން ކެންސަލް ކުރަނީ
ލ. ލިންކް ރޯޑްގައި މީހަކު މަރުވި މައްސަލާގައި ނައުސާން ޖަލަށް
އެމެރިކާއިން ހީނުކުރާފަދަ ރައްދެއް ދޭނަން: އީރާން