ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސަރުކާރުގެ ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރިޔާސަތުން ނިންމައިފި އެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ، ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި އާންމު ރައްޔިތުންނަށް ދަތިވާފަދަ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ދަނޑިވަޅެއްގައި އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭކަމުގެ ކަންބޮޑުވުން އޮއްވައި، މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލައަކީ ކުރިއަށް އޮތް ތަނުގައި ތަޅުމުގައި ބަހުސްކުރަން ނުޖެހޭ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. މާލިއްޔަތު ކޮމިޓީގެ ނިންމުން ފާސްކުރުމަށްޓަކައި މަޖިލީހުގެ ތަޅުމަށް ހުށަހެޅި އެކަމާމެދު ބަހުސްކުރުމުގެ ފުރުސަތު ކުރިއަށް އޮތް ތަނުގައި ލިބޭނެތީ، މި ކުއްލި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރިޔާސަތުން ނިންމެވި އެވެ.
މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އިތުރު އެލަވެންސެއް ދިނުމަށެވެ. އެ ބަދަލާއެކު މަޖިލީހުގެ ރައީސަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 95،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. މީގެއިތުރުން ވަޒީރުންގެ ޑްރައިވާސް އެލަވެންސް 17،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައިވާއިރު، އެ ބަދަލާއެކު މިނިސްޓަރަކަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 75،000 ރުފިޔާ ލިބޭނެ އެވެ.
ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފި
"ޖޭމްސް ބޮންޑް"ގެ ގޮތުގައި ދެން ފެންނާނީ ކޮން ތަރިއެއް؟