ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުންނަށް ގޭގައި ތިބެގެން ކިޔެވޭ އުސޫލު ނުވަތަ "ހޯމް ސްކޫލިން" ތައާރަފްކުރަން ތައުލީމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

މި ބިލުގައިވާ ގޮތުން ހޯމް ސްކޫލިންއަށް ކުއްޖަކު ޝަރުތު ހަމަވާނީ ސްކޫލަށް ހާޒިރުވެގެން ކިޔަވަން ނުކުޅެދޭ ވަރުގެ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ މައްސަލައެއް ހުރުމުންނެވެ. މީގެއިތުރުން އެ ނޫންވެސް ހާއްސަ ހާލަތެއް މެދުވެރިވެގެން ސްކޫލަށް ހާޒިރުނުވެވޭ ކުދިންނަށްވެސް މި ފުރުސަތު ލިބޭނެ އެވެ.

ހޯމް ސްކޫލިންގެ ހިދުމަތް ލިބޭނީ ރަސްމީ ތައުލީމުގެ ނިޒާމުގައި ރަޖިސްޓްރީކޮށްފައިވާ ކުދިންގެ ތެރެއިން، އެކަމަށް މާލީ ގާބިލުކަން ހުރި ބެލެނިވެރިންގެ ދަރިވަރުންނަށެވެ. އަދި ހޯމް ސްކޫލިންއަށް ޝަރުތުހަމަވާ ކުދިން ކަނޑައެޅުމަށް އެސެސްމެންޓް ހަދާނެ ގޮތާއި، ކުދިން ރަޖިސްޓްރީކުރުމާއި، ކިޔަވައިދޭނެ ޓީޗަރުންގެ ޝަރުތުތަކާއި މޮނިޓާ ކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރު ބިލުގައި ދީފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ.

މީގެއިތުރުން، ހޯމް ސްކޫލިން އުސޫލުންވެސް ކިޔަވަން ދަތިވާ ފަދަ ބޮޑެތި މައްސަލަތަކެއް ހުންނަ ކުދިންނަށް ރަސްމީ ތައުލީމު ދިނުން ލާޒިމުނުވާ ގޮތަށް ގާނޫނު ބަދަލުކުރަންވެސް މި ބިލުގައި ވަނީ ހުށަހަޅާފަ އެވެ.

ރާއްޖޭގައި ހޯމް ސްކޫލިން އުސޫލު ތައާރަފްކުރަން މަޖިލީހަށް ބިލެއް ހުށަހަޅާފައި މިވަނީ، އެފަދަ ފުރުސަތެއް ދިނުމަށް ބައެއް ބެލެނިވެރިން އެދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.