މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖެއިން 23،000 މެޓްރިކް ޓަނަށްވުރެ ގިނަ މަސް ބޭރުގެ ގައުމުތަކަށް އެކްސްޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭއިން ނެރުނު ސްޓެޓިސްޓިކް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހު ރާއްޖެއިން ޖުމްލަ 23،554 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ފިނިކުރި އަދި ތާޒާ ކަނޑުމަހެވެ. އެގޮތުން ޖެނުއަރީން އޮގަސްޓުގެ ނިޔަލަށް 18،237 މެޓްރިކް ޓަނުގެ ފިނިކުރި އަދި ތާޒާ ކަނޑުމަސް ބޭރުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ބޭރުކުރި 51،649 މެޓްރިކް ޓަނާ އަޅާބަލާއިރު ދަށް އަދަދެކެވެ.

މީގެއިތުރުން ކަޅުބިލަމަހުގެ ގޮތުގައި 14،404 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފަ އެވެ.

ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހު 3،430 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ބޭރުކުރި 4،081 މެޓްރިކް ޓަނަށްވުރެ މަދު އަދަދެކެވެ.

ނަމަވެސް، މަސްވެރިކަމުގެ ސިނާއަތުގައި ޕްރޮސެސްކުރި މަސް އެކްސްޕޯޓްކުރުމުގެ ދާއިރާއިން ކުރިއެރުމެއް ވަނީ ފެނިފަ އެވެ. އެގޮތުން މިއަހަރުގެ މި މުއްދަތުގައި ޕްރޮސެސްކޮށްފައިވާ 1،254 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ 1،118 މެޓްރިކް ޓަނާއި އަޅާބަލާއިރު 12 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މަސްވެރިކަން ދަށް ދުވަސްވަރުވެސް މަސްވެރިންނަށް އެހީތެރިވުމަށް މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ދިވެހި މަހުން ނަގާ ޓެރިފް ދެ އަހަރު ދުވަހަށް ވަނީ މެދުކަނޑާލާފަ އެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި މި ލުޔާއެކު އިނގިރޭސިވިލާތަށް ބޭރުކުރާ 25 މިލިޔަން ޑޮލަރުގެ މަސް ކުރިއަށް އޮތް ތަނުގައި ދެގުނައަށް އިތުރުވެގެންދާނެ އެވެ.