މާލެގައި ބޮސުންލާފައިވާ ތަންތަނުގެ ހާލަތު މާލެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.

މޭޔަރު މުއިއްޒު އާއި އެހެން ކައުންސިލަރުން މިއަދު ވަނީ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓް އަދި މަސް މާރުކޭޓުގެ ހާލަތު ބައްލަވާލައްވައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުގެ މެމްބަރު އަހަމަދު ނަރީޝް "ހުރިހާ"އަށް ވިދާޅުވީ މާރުކޭޓްތަކުގައި ވިޔަފަރީކުރާ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކަށް ހައްލުތަކެއް މިދައުރުގައި ގެނެސްދެވިގެންދާނެ ކަމަށެވެ. އަދި މާލެގައި ޒަމާނުންސުރެއް ބޮސުންލާފައިވާ ތަންތަނަށް ރައްޔިތުން ބޭނުންވާ ބަދަލުތަކެއް ގެނައުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު މިގެންދަނީ މިވަގުތަށް ގެނެވެން ހުރި ހައްލުތަކަކީ ކޮބައިތޯ ބަލަމުން. އެކަންތައްތައް ބަލައި ހައްލު ހޯދައިދޭނަން،" ނަރީޝް ވިދާޅުވި އެވެ.

އާ ކައުންސިލަރުނާއި މޭޔަރު ހުވާ ކުރުމަށް ފަހު މާލޭގެ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާއިރު މިކަމާ ގުޅިގެން ރައްޔިތުންގެ ހިޔާލާ މަޝްވަރާއެކު މާލެއަކީ ހިތްފަސޭހަ އަދި އަމާންތަނަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް މޭޔަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މީގެ އިތުރުން ހިޔާ ފްލެޓްގެ އަގު ކުޑަ ކުރުމަށާއި ގުޅީފަޅުގައި ޕޯޓް ތަރައްގީ ނުކުރުމަށް ސަރުކާރަށް މޭޔަރު ޑރ. މުއިއްޒު ވަނީ ގޮވާލައްވާފަ އެވ

މޭޔަރު ވަނީ ރައްޔިތުންނާ ލާބަޔާ މަންފާހުރި ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށާއި މިނިސްޓަރުނަށް މަޝްވަރާ ކުރެއްވުމަށް ބޭނުންވާތީ އެކަމަށް އެދިވަޑައިގަތް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.